ޚަބަރު

ޤަވާއިދާ ޚިލާފުވި 12000 ބިދޭސީން އަނބުރާ ޤައުމަށް


  • މިއީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން މިހާތަނަށް ފޮނުވާލި އަދަދު

  • ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ، ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންނަނީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ޚާއްސަ ރެއިޑްތައް ހިންގަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބިދޭސީން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށްގެން ހިންގާ ރެއިޑް އޮޕްރޭޝަންތައް ހިމެނޭކަން އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރާ މަސައްކަތުގެ ދަށުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13ގެ ނިޔަލަށް 12،552 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނެއެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވޯކް ޕާމިޓުތައް ބެލެހެއްޓުމާއި، ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދުވަނީ، 208،937އަށް މައްޗަށް އަރާފައެވެ. މީގެ އިތުރުން 10 އިނގިލީގެ ނިޝާނާއި، ބަޔޯމެޓްރިކް ފޮޓޯ ނަގާފައިވާ މީހުންގެ އަދަދުވެސް ވަނީ 2 ލައްކައިން މައްޗަށް އަރާފައެވެ.

އިމިގްރޭޝަނުން ވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާޙުކޮށްފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ، އިލްތިމާސް ކުރައްވާފައެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި، ރިސޯޓުތަކާއި، ސިނާޢީ ރަށްތަކާއި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.