ތަޢުލީމު

އާންމު ބަލިމަޑުކަމެއް ފެތުރެމުންދާކަމަށްބުނެ ސްކޫލުތައް ބަންދުކުރަން ލަފާދީފައެއް ނުވޭ- އެޑިއުކޭޝަން މިނިސްޓްރީ


ރާއްޖޭގައި އާންމު ބަލިމަޑުކަމެއް ފެތުރެމުންދާކަމަށްބުނެ އެއްވެސް މުވައްސަސާއަކުން ސްކޫލުތައް ބަންދުކުރުމަށް މިހާތަނަށް ލަފާދީފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާންމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލްތައް ބަންދުކުރުމަށް އައިޖީއެމްއެޗުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށްބުނެ ސޯޝަލްމީޑިއާގައި ފަތުރަމުންދަނީ ތެދު މަޢުލޫމާތެއް ނޫންކަމަށެވެ. އަދި ކަމާގުޅޭ އެއްވެސް މުއައްސަސާއަކުން ސްކޫލްތައް ބަންދުކުރުމަށް މިހާތަނަށް ލަފާދީފައި ނުވާކަމަށެވެ.

ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވިދާޅުވީ ވައިރަލް ފީވަރ އާއި އަރިދަފުސް ރޯގާފަދަ ބަލިތައް ކޮންމެވެސް ވަރަކަށް ފެތުރެމުންދިޔަ ނަމަވެސް އާންމުން ކަންބޮޑުވާންޖެހޭފަދަ ހާލަތަކަށް އެ ބަލިތައް ފެތުރެމުން ނުދާކަމަށެވެ. އަދި ޑެންގޫގެ ކޭސްތައް އަދިވެސް ފެންނަމުންދާކަމަށާ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި ނައްތާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.