ސިޔާސީ

މަޖިލީހަށް ވާދަކުރާ 8 ކެނޑިޑޭޓެއްގެ މައްސަލަ އޭސީސީން ބަލަނީ


އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ 8 ކެނޑިޑޭޓެއްގެ މައްސަލަ ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

އޭސީސީން ވިދާޅުވީ މަޖިލީހަށް ވާދަކުރައްވާ 8 ކެނޑިޑޭޓެއްގެ ކޮރަޕްޝަންގެ އެއްވެސް މައްސަލަ އޮތްތޯ އެކޮމިޝަނުން ބަލަމުންގެންދާ ކަމަށާއި އޭގެތެރެއިން ދެ ކެނޑިޑޭޓެއްގެ މައްސަލަ ބަލާ ނިންމާ އެފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި އެ ދެ ކެނޑިޑޭޓުންގެ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް އޭސީސީން ވިދާޅުވެއެވެ. ނަމަވެސް އެ ކެނޑިޑޭޓުންގެ މައުލޫމާތު އޭސީސީން ހާމައެއް ނުކުރައްވައެވެ.

އޭސީސީން ވިދާޅުވީ އަމާޒަކީ މަޖިލިސް އިންތިޚާބުގެ ކުރިން ބާކީ ތިބި ކެނޑިޑޭޓުންގެ މައްސަލަތައްވެސް ބަލައި ނިންމުން ކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު މިފަހަރުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުން 386 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި މިފަހަރު އިންތިޚާބުކުރަން ހަމަޖެހިފައިވަނީ 87 ކެނޑިޑޭޓުންނެވެ.