ވިޔަފާރި

ކަސްޓަމްސްގެ ޙިދުމަތްތަކަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތުދީފި


މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކަސްޓަމްސްގެ ޙިދުމަތްތަކަށް ގެންނަން ރާވާފައިވާ ބަދަލުތަކާއި ގުޅޭގޮތުން ވިޔަފާރިވެރިންނާއި ކަސްޓަމްސް ބްރޯކަރުންނަށް މައުލޫމާތުދީފިއެވެ.

ވިޔަފާރިވެރިންނާއި ކަސްޓަމްސް ބްރޯކަރުން ހިމެނޭގޮތަށް 51 ފަރާތަކުން މިސެޝަންގައި ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮމިޝަަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން ވިދާޅުވީ މިދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ކަސްޓަމްސްއާއި ވިޔަފާރިވެރިން ވީހާވެސް ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައެވެ. އަދި ރާއްޖޭގެ ވިޔަފާރި މާޙައުލަކީ ވާދަވެރި އަދި ހަމަހަމަގޮތެއްގައި ކަންކަން ތަންފީޒްކުރެވޭ ވެއްޓެއްކަން ކަށަވަރުކުރުމުގައި ކަސްޓަމްސްގެ މުހިންމު ދައުރެއް އޮތްކަން ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

މި ސެޝަންގައި، ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޙާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި އިމްޕޯޓް އެކްސްޕޯޓް މުދަލަށް ހުށަހަޅާ ގުޑްސް ޑިކްލަރޭޝަން ނިންމުން މިހާރަށްވުރެ ހަލުވި ކުރުމަށްޓަކައި، އެކަމަށް ބޭނުންކުރާ "ސާރވިސް ސްޓޭންޑެޑް" މުރާޖަޢަކޮށް އަލުން އެކުލަވައިލުމާއި، އިމްޕޯޓް އެކްސްޕޯޓްއާއި ގުޅޭގޮތުން ޑިއުޓީއާއި އެހެނިހެން ގޮތްގޮތުން ކަސްޓަމްސްއަށް ދައްކާ ފައިސާ ރިފަންޑްކުރަން ޖެހޭ ހާލަތްތަކުގައި، އެކަން މިހާރަށް ވުރެ އަވަހަށް ކުރުމަށްޓަކައި މެނުއަލްކޮށް މިހާރު ހިނގަމުންދާ ރިފަންޑް ޕްރޮސެސް އޮޓަމޭޓްކޮށް ހިދުމަތް ހޯދާ ފަރާތްތަކުން ރިފަންޑަށް އެދި އޮންލައިންކޮށް ހުށަހެޅޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެއިތުރުން މުދަލަށް ކަނޑައެޅިފައިވާ އެޗް.އެސް ކޯޑާއި ޑިއުޓީ ރޭޓް މުދަލުގެ އާންމު ނަމުން، ކަސްޓަމްސް ވެބްސައިޓު މެދުވެރިކޮށް ފަސޭހައިން ބަލާލެވޭނޭ ގޮތަށް ހަމަޖެއްސުމާއި ގުޅޭގޮތުން ވަނީ މައުލޫމާތުދީފައެވެ.

އަލަށް ތަޢާރަފްކުރާ މިޚިދުމަތްތަކުގެ މަޢުލޫމާތު ކަސްޓަމްސްގެ ސެކްޝަންތަކުގެ އިސް މުވައްޒަފުންނަށް ފޯރުކޮށް ދިނުމަށްވެސް ސެޝަންތަކެއް ބޭއްވިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.