ސިޔާސީ

ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ ޙުކުމް މާދަމާ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓަށް ބޮޑު ޚިޔާނާތުގެ ފައިސާ ވަންކަމަށް ތުހުމަތުކޮށް، އެމަނިކުފާނުގެ އެކައުންޓުތައް ފްރީޒުކުރި މައްސަލައިގެ ޙުކުމް އިއްވުން މާދަމައަށް ހައިކޯޓުގައި ތާވަލް ކުރައްވައިފިއެވެ.

ކުރިން މި މައްސަލައިގެ ޙުކުމް އިއްވުން ތާވަލް ކުރައްވާފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަށެވެ. ނަމަވެސް ހައިކޯޓުން ވަނީ މި މައްސަލައިގެ ޙުކުމް އިއްވުން އަވަސް ކުރައްވައިފައެވެ. އެގޮތުން މި މައްސަލައިގެ ޙުކުމް އިއްވުން މާދަމާ މެންދުރު 2:00ގައި އޮންނާނެއެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ތުހުމަތުތަކާ އެކު އެމަނިކުފާނުގެ އެކައުންޓު ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒުކޮށްފަ އެވެ. ފްރީޒުކޮށްފައި ވަނީ ރައީސް ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް)ގެ އެކައުންޓާއި މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމްއައިބީ)ގައި އޮންނަ އެކައުންޓުތަކެވެ.

މަނީ ލޯންޑްރިންގެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ އެމަނިކުފާނު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރައްވާފައެވެ. އަދި ހައިކޯޓުން ވަނީ ޔާމީން ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ.