ޚަބަރު

އެފްއޭއެމަށް ހުރިހާ ކްލަބެއްވެސް ހަމަހަމަ - ބައްސާމް


ދުވަސްވީ ކުލަބްތަކަށް ވަކި އިސްކަމެއް ނުދޭނެކަމަށާއި އެފްއޭއެމުން މަސައްކަތް ކުރާނީ ހުރިހާ ކުލަބްތަކާއިއެކުވެސް އެއްހަމައެއްގައިކަމަށް އެއިދާރާއިން ބުނެފިއެވެ.

ދާދިފަހުން އެފްއޭއެމްގެ ކޮންގްރެސްގައި ކުލަބުތަކުގެ ތާއީދާއިއެކު ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ނިންމުމުން އެފްއޭއެމަށްވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ކުލަބްތަކުން ބުނަނީ މިއީ އެހެން ހުރިހާ ކުލަބްތަކަށާއި ކުޅުންތެރިންގެ ހައްގުގައި ކުރިކަމެއްކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއެމުން އަބަދުވެސް ކަންތައްތައް ކުރާނީ ހުރިހާ ކުލަބްތަކަށް އެއް އުސޫލަކުންކަމަށެވެ. ކިތަންމެ ދިގު ތާރީޚެއް އޮތް ކުލަބަކަށްވިޔަސް ފުރަތަމަ ޑިވިޝަނަށް އެރުމަށްފަހު އެފްއޭއެމުން އަމަލުކުރާނީ އެއް އުސޫލަކުންކަމަށް ބައްސާމް ވިދާޅުވިއެވެ. އެފްއޭއެމަށް މިހާރު އެންމެ ބޮޑަށް ފާޑު ކިއުން އަމާޒްވެފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ސަސްޕެންޝަނާއި ގުޅިގެންނެވެ.

މިއަހަރުގެ ޖެނުއަރީ މަހު އެފްއޭއެމުން ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައިވަނީ ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުގެ ސަބަބުންނެވެ. ބައްސާމް ވިދާޅުވީ ނިއުއިން ކުޅުންތެރިންނަށް މުސާރަ ނުދީ އޮތީ އެފްއޭއެމްގެ ސަބަބުން ނޫންކަމަށް. ރާއްޖޭގެ އެހެން ކުލަބްތަކުންވެސް ކުޅުންތެރިންނަށް މުސާރަ ނުދޭކަމަށާއި ނަމަވެސް ނިއުއާއި ހިލާފަށް އެހެން އެކުލަބްތަކުން އެފްއޭއެމްއަށް މުސާރައިގެ މައްސަލާގައި އެއްބާރުލުން ދޭކަމަށް ބައްސާމް ވިދާޅުވިއެވެ.

ކުލަބްތަކުން ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ނިންމާފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ލީގްގައި 5 އަހަރު ވާދަކޮށްފައިވާ ޓީމްއެކޭ، 20 އަހަރު ލީގްގައި ވާދަކޮށްފައިވާ ޓީމެކޭ އެފްއޭއެމްއަށްވާނީ ހަމަހަމަކަމަށެވެ. އަދި މިދިޔަ ދެ އަހަރު އެފްއޭއެމްގެ އެހީގައި ސަރުކާރުން ކުލަބްތަކަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު، ކުލަބްތަކުން އެފައިސާ ރަނގަޅު ގޮތުގައި މެނޭޖްނުކުރެވުމަކީ އެފްއޭއެމުން ކުރާނެކަމަށް ނޫންކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މިހާރު ހުރިހާ ކުލަބްތަކުންވެސް މާޒިޔާއިން ފައިސާ އާއި ކުޅުންތެރިން މެނޭޖްކުރާ ގޮތްބަލަން ޖެހޭކަމަށާއި އެއީ މިހާރު ނަމޫނާ ކުލަބެއްކަމަށެވެ. އަދި ކުލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބުންވެސް ވަރަށް ރަނގަޅަށް ކުލަބް މެނޭޖްކުރުމުގައި ކަންތައްތައް ކުރަމުންދާކަމަށް ބައްސާމް ވިދާޅުވިއެވެ.