ޚަބަރު

އެއްބަސްވުމަކާނުލައި ބްރެކްސިޓް ތަސްދީޤުކުރަންޖެހިދާނެކަމުގެ ބިރު އިތުރުވެއްޖެ


އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ އެއްބަސްވުން ތަސްދީގުކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ތިންވަނަ ފަހަރަށް ދެކޮޅުހެދުމުން އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ކުރިއަށް ގެންދަން ޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ބްރެކްސިޓްގެ މައްސަލައިގައި ހައުސް އޮފް ކޮމަންސްގެ ތިންވަނަ ވޯޓުވެސް ކޮޅެއްގައި ނުޖެހުމުން އިނގިރޭސިވިލާތުގައި ޝާއިއުކުރި މީޑިޔާ ރިޕޯޓްތަކާއި އިނގިރޭސި ސިޔާސީ ފަރާތްތަކުން ދެއްވަމުން ގެންދަވާ ބަޔާންތަކުގައި ބުނެފައިވަނީ އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ނިންމަންޖެހިދާނެކަމުގެ ބިރަކީ މިހާރު މިހާރު ޙަޤީޤީ ބިރަކަށް ވެއްޖެކަމަށެވެ.

އިނގިރޭސި އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ލޭބަރ ޕާޓީން ވަނީ ބޮޑުވަޒީރު ތެރޭސާ މޭގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ތެރޭސާ ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވެޓިވް ޕާޓީގެ ތެރޭންވެސް އެކަމަނާއަށްވަނީ ބްރެކްސިޓް ކަންތައް ކޮޅެއްގައި ނުޖެހި ދިގުލަމުންދާތީ ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

ހައުސްގެ ތިންވަނަ ވޯޓު ނާކާމިޔާބު ވުމަށްފަހު އިގްތިސާދީ މުހައްލިލުންނާއި އިނގިރޭސިވިލާތުގެ އިޤްތިޞާދީ މުއައްސަސާތަކުންވަނީ އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ނިންމަންޖެހިއްޖެނަމަ، ތަހައްމަލު ނުކުރެވޭފަދަ ބޮޑު މާލީ އަދި ވިޔަފާރީގެ ގެއްލުމެއް އިނގިރޭސި އިގްތިސާދަށް ކުރިމަތިވެގެން ހިނގައިދާނެކަމުގެ އިންޒާރުދީ، އެކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ.