ޚަބަރު

ޕެސްޓް ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން ކޮންފަރެންސްއެއް ފަށައިފި


ތިމާވެއްޓާ ރަށްޓެހި އާލާތްތަކާއި ވަސީލަތްތަށް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޕެސްޓް ކޮންޓްރޯލް ކުރުމާބެހޭ ކޮންފަރެންސެއް ފަށައިފިއެވެ.

އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "ޕެސްޓަމިނޭޓާރސް ޕްރައިވެޓް ލިމިޓެޑް"ގެ ފަރާތުން އިސްނަގައިގެން އެއްދުވަހުގެ މުއްދަތަށް ބޭއްވި މިކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވީ މިނިސްޓާރ އޮފް ފިޝަރީޒް، މެރިން ރިސޯރސް އެންޑް އެގްރިކަލްޗާރ ޒަހާ ވަހީދެވެ.

މި ކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓާރ ވިދާޅުވީ ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ކެމިކަލް ވީހާވެސް މަދުން ބޭނުންކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. އަދި އޭގެސަބަބުން ދަނޑުވެރިކަމުން އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސަކީ ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެއް. މިއީ އެގޮތުން ބާއްވާ އެންމެފުރަތަމަ ކޮންފަރެންސެވެ. މިފަހަރުގެ ކޮންފަރެންސް ބާއްވާފައިވަނީ އެކި ވަސީލަތްތަށް ބޭނުންކޮށްގެން ރާއްޖޭގައި ޕެސްޓް ކޮންޓްރޯލް ކުރުމަށް އެންމެ ގިނަ ޙަރާކާތަތްތަށް ހިންގާ ފަރާތްތަކަށް އަމާޒު ކޮށްގެންނެވެ. މިކޮންފަރެންސްގައި ޕެސްޓް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެންމެފަހުގެ އުފެއްދުންތަކާއި އައު ގޮތްތަކާއި މިކަމާބެހޭގޮތުން ހޯދިފައިހުރި ހޯދުންތަކާއި ރައްކާތެރިގޮތުގައި ޕެސްޓް ކޮންޓްރޯލް ކުރުމާބެހޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކަމާ ގުޅުންހުރި ރާއްޖޭއިން ބޭރުގެ ޢިލްމީ، ތަޖުރިބާކާރު 5 ބޭފުޅަކު މިކޮންފަރެންސަގައި މަޢުލޫމާތު ދެއްވާނެއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ 77 ރިސޯޓަކާއި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކުން 140 އަށްވުރެން ގިނަ ފަރާތުން ބައިވެރިވެއެވ.