ޚަބަރު

އަންހެން ސިފައިންގެ ޚިދުމަތަށް 30 އަަހަރު ފުރުން ފާހަގަކުރުމަށް ޝަރަފުގެ ހިނގާލުމެއް ބާއްވައިފި


އަންހެން ސިފައިންގެ ޚިދުމަތަށް 30 އަަހަރު ފުރުން ފާހަގަކުރުމަށް، ޝަރަފުގެ ހިންގާލުމެއް ބާއްވައިފިއެވެ. މި ހިންގާލުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަޙްމަދުވަނީ ބައްލަވާލައްވާފައެވެ.

ދިވެހި އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޝަރަފުގެ ހިނގާލުން ފަށާފައިވަނީ ބަންޑާރަ ކޮށިންނެވެ. މި ހިނގާލުމުގައި މިހާރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އަންހެން ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވި 65 ކަނބަލުންގެ ތެރެއިން 40 ކަނބަލުންވެސް ބައިވެރިވެފައިވެއެވެ.

މި ޝަރަފުގެ މިހިނގާލުމުގައި ސިފައިން ވަނީ ބައެއް ސަރަހައްދުތަކުގައި މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތަށް ކުޅެފައެވެ. އަދި މި ޝަރަފުގެ ހިނގާލުން ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލިއާގެ ކުރިމައްޗަށް ނުކުމެ ވަޑައިގެންނެވުމުން ސިފައިން ވަނީ ކުރުނީހެއް އަރުވާފައެވެ. އަދި އެ ސަރަހައްދުގައި ސިފައިންގެ ބޭންޑުގައި އެކި ރާގުތައްވެސް ކުޅެފައިވޭ.

މީގެ އިތުރުން ސިފައިން ވަނީ ރޯޝަނީ މަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތީގައާއި ސެނަހިޔަ ކުރިމަތީގައާއި ސްވިމިންގ ޓްރެކް ސަރަހައްދުގެ އިތުރުން ވިލާކޮލެޖް ކައިރީގައާއި މާލޭ ކުޅިވަރު އެކުވެނި ސަރަހައްދަށް މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅެފައެވެ. މި ޝަރަފުގެ ހިނގާލުން ނިންމާލާފައިވަނީ ކަޅުތުއްކަލާ ކޮށްޓަށެވެ.

މި ހިނގާލުން ބަލާލުމަށް މާލޭގެ މަގުތަކަށް ގިނަ ޢަދަދަކަށް ކުޑަކުދިންނާއި ޢާންމުން ނިކުމެފައިވެއެވެ.

ދިވެހިރާއްޖޭގައި އަންހެން ސިފައިންގެ ޚިދުމަތް ފަށާފައިވަނީ މީގެ 30 އަހަރު ކުރިން 1989ވަނަ އަހަރުގެ މަރޗް މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ 1988ވަނަ އަހަރުގެ ނޮޮވެމްބަރު މަހުގެ ތިނެއްގެ އުދުވާނީ ޙަމަލާއަށްފަހު، ޤައުމީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން އޭރުގެ ސަރުކާރުން އެޅުއްވި ފިޔަވަޅެކެވެ.

ރާއްޖޭގައި އަންހެން ސިފައިންގެ ޚިދުމަތް ފަށާފައިވަނީ ޖުމުލަ 65 އަންހެނުންނާ އެކުގައެވެ. އެހެންނަމަވެސް މިއަދު ސިފައިންގޭގެ ކޮންމެ ޑިޕާޓްމަންޓެއްގައި އަންހެން ސިފައިން މަސައްކަތްކުރަމުން އަންނައިރު އަސްކަރީ ބޮޑެތި ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކުޅަދާނަ އަންހެން ސިފައިން ދިވެހި އަސްކަރިއްޔާގައި ދަނީ މަސައްކަތްކުރަމުންނެވެ. މިއަދު އަންހެން ސިފައިދަނީ އަންހެނުން ޢާއްމުކޮށް ފުރިހަމަ ނުކުރާ އަސްކަރީ ތަމްރީންތައްވެސް ފަސްޖެހުމެއްނެތި ފިރިހެން ސިފައިންނާ އެއްހަމައެއްގައި ފުރިހަމަކުރަމުންނެވެ.

އަންހެން ސިފައިންގެ ކާމިޔާބީއަށް ބަލާއިރު މެނޭޖަރުންގެ ރޭންކްގައިވެސް އަންހެން ސިފައިން ތިބިއިރު، އެއަށްވެރެ މައްޗައްދިއުމުގެ ފުރުޞަތުވެސް އެބައޮތްކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. ރާއްޖޭގައި އަންހެން ސިފައިންގެ ޚިދުމަތް މިހާރު ފުޅާވެގެން ގޮސްފައިވާއިރު އެންމެ ފުރަތަމަ ޤައުމީ ދިފާއީ ބާރަށް ޚިދުމަތްކުރަން ވަތް އަންހެން ސިފައިންގެ ތެރޭގައި ހިމެނޭ ދެ ކަނބަލަކު މިހާރުވެސް ޤައުމީ ޚިދުމަތުގައި އެބަ ހުންނެވިއެވެ.