ޚަބަރު

އާޖެންޓީނާ ދޫކޮށް ހިގުއެއިންގެ ވަގުތު ދަރިފުޅާއި ޗެލްސީއަށް


ގޮންޒަލޯ ހިގުއެއިން ގައުމީ ޓީމުން ރިޓަޔަރ ކުރިކަން އިއުލާނުކޮށްފިއެވެ. 31 އަހަރުގެ ފޯވާޑް ރިޓަޔަރ ކޮށްފައިވަނީ އާއިލާއަށް ވަގުތު ދިނުމަށެވެ.

ހިގުއެއިން ވަނީ އާޖެންޓީނާގެ ޖަރޒީގައި 75 މެޗް ކުޅެ 31 ގޯލް ކާމިޔާބުކޮށްދީފައެވެ. ޓީމުން ރިޓަޔަރ ކުރިކަން އިއުލާނު ކުރަމުން ހިގުއެއިން ބުނީ އޭނާގެ ފުޓުބޯޅަ ހަޔާތާމެދު ފަހުރުވެރިވެ އުފާކުރާކަމަށެވެ. އަދި ރިޓަޔަރ ކުރަން ނިންމީ އޭނާގެ ދަރިފުޅަށް ވަގުތު ދިނުމަށް ކަމަށާއި، ގައުމީ ޓީމަށް އޭނާއަށް ދެވެން އޮތް ހުރިހާ އެއްޗެއް ދެވިއްޖެ ކަމަށެވެ.
ހިގުއެއިން ގައުމީ ޓީމަށް އެންމެ ފަހުން ކުޅެފައިވަނީ ވަރލްޑްކަޕްގައި ނައިޖީރިއާ އަތުން މޮޅުވި މެޗްގައެވެ.

ވަރލްޑްކަޕްގެ ނާކާމިޔާބީއަށްފަހު ކުރިމަތިވި ފާޑު ކިޔުންތަކަށް ރައްދުދެމުން ހިގުއެއިން ބުނީ، އާޖެންޓީނާ އަކީ ފެއިލްވެފައިވާ ޓީމެކޭ ނުބުނެވޭނެ ކަމަށެވެ. ވަރލްޑްކަޕްގެ ފެއިލް އަކަށް ވާނީ ކޮލިފައި ނުވުން ކަމަށާއި ތިން ފަހަރު ފައިނަލްގައި ކުޅުމަކީ ފެއިލްއެއް ނޫންކަމަށްވެސް ހިގުއެއިން ބުންޏެވެ. ހިގުއެއިން ބުނީ އޭނާގެ މި ނިންމުމާއެކު، ދެން އޭނާ ގައުމީ ޓީމުން ފެނިދާނެ ކަމާމެދު ވިސްނުމުގެ ބަދަލުގައި، އަރަމުން އަންނަ ކުޅުންތެރިންނާމެދު ވިސްނަން ފުރުސަތު އޮންނާނެ ކަމަށެވެ.

ހިގުއެއިން ބުނީ ރިޓަޔަރ ކުރުމުގެ ކުރިން އާޖެންޓީނާގެ ކޯޗް ލިއޮނެލް ސްކޮލާރީ އާ އެވާހަކަ ހިއްސާ ކުރި ކަމަށާއި ގައުމީ ޓީމަށް އަބަދުވެސް އެދެނީ އެންމެ މޮޅުގޮތް ވުން ކަމަށެވެ. އަދި ފުޓުބޯޅައިގައި މިހާރު އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ޗެލްސީއަށް ކަމަށްވެސް ލޯން އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއިން ޗެލްސީއަށް ދޫކޮށްފައި ހުރި ކުޅުންތެރިޔާ ބުންޏެވެ.

ޖެނުއަރީގައި ޗެލްސީއަށް ބަދަލުވިފަހުން ހިގުއެއިން ވަނީ ކުޅުނު ދިހަ މެޗުން ތިން ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.