ޚަބަރު

ސޯލްޝަޔާ ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް ހަމަޖައްސައިފި


މެންޗެސްޓާރ ޔުނައިޓެޑްގެ ދައިމީ ކޯޗްއަކަށް އޮލެ ގުނަ ސޯލްޝެޔާ ހަމަޖައްސައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މޮރީނިއޯ ވަކިކުރުމަށްފަހު ވަގުތީ ކޯޗްއަކަށް އޮލެ ގުނަ ސޯލްޝެޔާ ހަމަޖެއްސީ މޮރީނިއޯގެ ނަތީޖާތަށް ދަށްވެ، ޓީމްގެ ކުޅުންތެރިންނާއި އޮންނަ ގުޅުން ގޯސްވުމުގެ ސަބަބުންނެވެ. 4 މަސްދުވަސް ވަންދެން ވަގުތީ ކޯޗުކަމުގެ މަގާމު އަދާކުރުމަށްފަހު، ދައިމީ ކޯޗްއަކަށް އޮލެ ގުނަ ސޯލްޝެޔާ ބަދަލްކޮށްފައިވާއިރު އޭނާވަނީ މެންޗެސްޓާ ޔުނައިޓެޑްއާއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

3 އަހަރު ދުވަހަށް އެޓީމްގެ ކުރީގެ ތަރި ސޯލްޝެޔާ މަޑުކުރަން ނިންމާފައިވާއިރު އެންމެ ފުރަތަމަ ސޯލްޝެޔާ ގެނެސްފައިވަނީ މިއަހަރުގެ ސީޒަންގެ ނިޔަލަށެވެ. އަދި ސޯލްޝެޔާގެ ނަތީޖާތަށް ރަގަނޅު ވެއްޖެކަމަށްވާނަމަ، ދާއިމީ ކޯޗްއަކަށް ހަމަޖައްސާނެކަމަށްވެސް ޔުނައިޓެޑްއިންވަނީ މީގެ ކުރިން ބުނެފައެވެ.
އުމުރުން 46 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑްއާއި މިދިޔަ ޑިސެންބަރު މަހު ހަވާލުވިފަހުން އެޓީމުގެ ނަތިޖާތަށް ރަނގަޅު ވުމުގެ އިތުރުން ޓީމްގެ ކުޅުންތެރިންނާއި އޮންނަ ގުޅުންވެސްވަނީ ރަނގަޅުވެފައެވެ.

ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން މިހާތަނަށް 19 މެޗް ކުޅެފައިވާއިރު، 14 މެޗުން އެޓީމްވަނީ މޮޅުވެފައެވެ. 2 މެޗުން އެއްވަރުވެ، ތިން މެޗުން ވަނީ ބަލިވެފައެވެ.
ކޯޗްކަމާއި ހަވާލުވުމަށްފަހު ޖެހިޖެހިގެން 6 މެޗުން މޮޅުވެ، ސޯލްޝެޔާވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި ކޯޗްކަމާއި ހަވާލްވުމަށްފަހު ޖެހިޖެހިގެން 6 މެޗުން މޮޅުވި ފުރަތަމަ ކޯޗްގެ ރެކޯޑް ހަދާފައެވެ.

ސޯލްޝެޔާ ކޯޗްކަމާއި ހަވާލްވެ މިހާރު އޭނާވަނީ މެންޗެންސްޓަރ ޔުނައިޓަޑް ޕްރިމިއަރ ލީގްގެ ގަދަ 4ކަށް ވަނުމުގެ ފުރުސަތު ބޮޑުކޮށްދީ ފަހަތުން އަރާ ފްރާންސްގެ ޕީއެސްޖީ ބަލިކޮށް ޗެންޕިއަންސް ލީގްގެ ކުއަޓަރ ފައިނަލަށް ޔުނައިޓެޑް ގެންގޮސްދީފައެވެ،