ޚަބަރު

ވިކްޓްރީގެ ސީނިއަރ އަދި ޒުވާން ޓީމަށް ކުޅުމުގެ ފުރުސަތު ހުޅުވާލައިފި


ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އެކުލަބްގެ ސީނިއަރ އަދި ޒުވާން ޓީމްއަށް ކުޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ދެ ޓީމްއަށް ކުޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިއަދުން ފެށިގެން މިއަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޓްރެއަލްތައް ކުރިއަށްދާނެކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބްއިން މަޢުލުމާތުދެއެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޒުވާން ޓީމްގެ ކޯޗަކީ ފަރީދު މުހައްމަދެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބްއިން ކުރި ޕޯސްޓްއެއްގައި ބުނެފައިވާ ގޮތުން ޓްރެއަލްތަކާއި ގުޅިގެން އިތުރު މަޢުލުމާތު ހޯދުމަށް ޒުވާން ޓީމްގެ ކޯޗް ފަރީދު އަދި ޓީމްގެ އެސިސްޓަންޓް ކޯޗް އަލީ ޝަރީފަށް ގުޅުމަށްވަނީ އެދިފައެވެ.

މިއަހަރުގެ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރަތުގައި ވިކްޓްރީ ސްޕޯޓްސް ކުލަބްއަށް ކުޅެފައިވާ ބައެއް ކުޅުންތެރިންނަށް އެކުލަބްއިން ވަނީ ސީނިއަރ ޓީމްއިން ޖާގަ ދީފައެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް ހޯދީ ވިކްޓްރީ ސްޕޯޓްސް ކުލަބްގެ މާހީ އަބްދުﷲ ކަން ފާހަގަކޮށްލެވެއެވެ.