ޚަބަރު

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ކުރާ އުންމީދު ބޮޑު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތަމްރީނު ހަދަމުންދާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމްގެ ތައްޔާރީތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ގޭމްސްއަށް ކުރާ އުއްމީދު ބޮޑުކަމަށް ގައުމީ ކޯޗް ނިޝާންތް ކައުތެކަރު ބުނެފިއެވެ.

ނިޝާންތް ބުނީ މި ގޭމްސްއަކީ ގިނަ ގައުމުތަކަކުން ބައިވެރިވާ މުބާރާތެއް ކަމަށާއި، ރާއްޖެއިން މި މުބާރާތް ދެކެނީ ވަރަށް ޝަރަފުވެރި މުބާރާތެއްގެ ގޮތުގައިކަމަށެވެ. އަދި ވަކި ޓާގެޓެއް ކަނޑައަޅައި މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ކުޅުންތެރިންގެ ފެންވަރު ރަނގަޅުވަމުން އަންނަކަން ކޯޗު ފާހަގަކުރިއެވެ.

"މި ފަހަރުގެ އައިއޯއައިޖީގެ ނަތީޖާއާމެދު އުންމީދު ބޮޑު، ތައްޔާރީތައްވެސް ޕޮޒިޓިވް، ކުޅުންތެރިންގެ މަސައްކަތްވެސް ރަނގަޅު، އިމްޕްރޫވްކުރޭ އެބަ، އެހެންވީމަ އުންމީދަކީ މޮޅު ނަތީޖާއެއް" ކޯޗް ބުންޏެވެ.

ނިޝާންތް ބުނީ ރާއްޖޭގެ ކުޅުންތެރިންނާއި ދެން ގޭމްސްގައި ބައިވެރިވާ ކުޅުންތެރިންގެ ތަފާތެއް ނެތް ކަމަށާއި، ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ހާސިލް ނުވާނެ ޓާގެޓެއް ނެތްކަމަށެވެ. އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރަން މެޑައްޔަކަށް އަމާޒުކޮށް ފަރިތަކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ކޯޗް ބުނީ ފަރިތަކުރުންތަކަށް ބަލާއިރު ޓީމާމެދު ކުރެވޭ އުންމީދުތައް ބޮޑު ކަމަށެވެ.
ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގެ ގައުމީ ޓީމް އިންޑިޔާގެ ޓޮސް އެކަޑެމީގެ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާއިރު ނިޝާންތް ބުނީ ތަޖުރިބާގެ ގޮތުން ބަލާއިރު ރާއްޖެ ކުޅުންތެރިންނަށް މި ފަދަ ޓްރެއިނިންގް މުހިންމުކަމަށެވެ. އެއީ އިންޑިޔާގެ އެކަޑެމީގެ ކުޅުންތެރިންނަކީ އެހެން ފެންވަރެއްގެ ކުޅުންތެރިންނަށް ވުމާއެކު، ތަފާތު ފެންވަރުގެ ކުޅުންތެރިންނާއެކު ކުޅުމުގެ ތަޖުރިބާ ލިބިފައި ތިބުމަކީ އައިއޯއައިޖީ އާ ކުރިމަތިލާއިރު މުހިންމު ކަމެއް ކަމަށް ވާތީއެވެ. އައިއޯއައިޖީގައި ފެންވަރުގެ ގޮތުން ތަފާތު ކުޅުންތެރިންނާ ވާދަކުރާއިރު މޮޅުކުޅުންތެރުން ބަލިކުރެވޭނެ ގޮތްތައް ދެނެގަނެވޭނީ އޭރުންކަމަށްވެސް ކޯޗް ބުންޏެވެ.

"(ޓޮސް އެކަޑެމީ) ކުޅުންތެރިންނާއެކު ރަނގަޅު ތަޖުރިބާތަކެއް ލިބޭނެ، މިއީ އެހެން ލެވެލްއެއްގަ ކުޅެން ލިބޭ ފުރުސަތެއް، އައިއޯއައިޖީއަށް ތައްޔާރުވާންވެސް ލިބޭ ފުރުސަތެއް، މޮޅު ކުޅުންތެރިންނާ ދެކޮޅަށް ކުޅޭއިރު ވީކްނެސް އަދި ސްޓްރެންތް ދެނެގަނެ އެއާ އެއްގޮތަށް މަސައްކަތް ކުރެވޭނެ" ކޯޗް ބުންޏެވެ.