އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި ކާމިޔާބީ ހޯދި ފީއަލީ ޓީމްތަކަށް ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. 
ނިމިދިޔަ އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި ކާމިޔާބީ ހޯދި ޓީމްތައް ހެނދުނު ރަށަށް ދިޔައިރު ރަށުގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުންވެސް ޓީމްތަކަށް މަރުހަބާ ކިޔުމަށް އެއްވެ ތިއްބެވެ. 
ފީއަލިން މުބާރާތުގައި ވާދަކުރި ހުރިހާ ކެޓަގެރީއެއްގެ ފައިނަލްގައި ކުޅެ ތިން ކެޓަގެރީއަކުން ޗެމްޕިއަންކަން ހޯދާފައިވާއިރު، ޓީމްތަކަށް މަރުހަބާ ކިޔުމަށް ރަށު ސްކޫލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކުޅުންތެރިންވަނީ ފަހުރުވެރި ޗެމްޕިއަން ޓްރޮފީތައް ސްކޫލާ ހަވާލުކޮށްފައެވެ. 
އިންޓަރސްކޫލު ވޮލީ މުބާރާތުގައި ފީއަލިން ބައިވެރިވެފައިވަނީ ސާދަ އަހަރުން ދަށާއި ސޯޅަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގައެވެ. ފީއަލިން ވަނީ ސާދަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ސޯޅައަހަރުން ދަށުގެ އުމުރުފުރާގައި ފިރިހެން ބައިން ޗެމްޕިއަންކަން ހޯދާ އަންހެން ބައިން ރަނަރަޕް ޓީމަކަށް ހޮވިފައެވެ.