އެސް.އީ.ޒެޑް ނުވަތަ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގެ "އެޕްލިކޭޝަން ޕްރޮސެސިން ފީ" ނުވަތަ އެޕްލިކޭޝަން ބަލައިގަންނަ ފީގެ ގޮތުގައި ފަންސަވީސް ހާސް ޑޮލަރު ދައްކަން ޖެހޭ ގޮތަށް އެސްއީޒެޑްގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ބޯޑް އޮފް އިންވެސްޓްމަންޓްސް ގަވާއިދު އެކުލަވާލައިފިއެވެ.ގެޒެޓްކޮށްފައިވާ އެސްއީޒެޑްގެ ގަވާއިދުގައި ބުނެފައިވަނީ، ބޯޑުން އިނިޝިއަލް ޕަރމިޓް ނުވަތަ ފުރަތަމަ ހުއްދަ ދޫކުރާތާ ފަނަރަ ދުވަހުގެ ތެރޭގައި އެ ހުށައެޅުން ހުށައެޅި ފަރާތުން ބޯޑުން އަންގާ ގޮތުގެ މަތިން، އަދި ބޯޑުން ގަބޫލުކުރާ ބޭންކަކުން އެއް މިލިއަން ޑޮލަރުގެ ބޭންކް ގެރެންޓީއެއް ހުށައަޅަން ޖެހޭނެއެވެ.އެގަވާއިދުގައިވާ ގޮތުން އެސްއީޒެޑްގެ ހިންގާ ބޯޑުގައި ފަސް މެންބަރުން ތިބެން ޖެހެއެވެ. ބޯޑަށް އައްޔަންކުރާ މެމްބަރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި ބޯޑު މެމްބަރުންގެ މުއްދަތަކީ އައްޔަންކުރާ ތާރީޚުން ފެށިގެން ފަސް އަހަރުގެ މުއްދަތެއް ކަމަށްވެސް ބުނެފައިވެއެވެ.އެގަވާއިދުގެވާ ގޮތުން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޒޯނެއް ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެހުށައެޅުމާ އެއްގޮތަށް ހުއްދަ ދިނުމާއި، ނުވަތަ އެހުށަހެޅުމަށް ބަދަލުގެނެސް އަލުން ހުށަހެޅުމަށް އެންގުން ހިމެނެއެވެ. ނުވަތަ އެ ހުށައެޅުން ބަލައިގަނެވެން ނެތްކަމަށް ނުވަތަ އެ ހުށަހެޅުމުގެ މައްޗަށް ހުއްދަދެވެން ނެތްކަމަށް ސަބަބު ބަޔާންކޮށް ކަނޑައަޅައި، އެކަން ހުށަހެޅުން ހުށަހެޅި ފަރާތަށް އެންގުން ވެސް ހިމެނެއެވެ.އެސްއީޒެޑު ބޯޑުގައި ޗެއަރ ޕާސަނަކާއި ވައިސް ޗެއަރ ޕާސަނެއް ހުންނަންވާނެ ކަމަށްވެސް ގެޒެޓްކޮށްފައިވާ ގަވާއިދުގައި ބުނެފައިވެއެވެ. އަދި އެ ދެމަގާމުގައި ހުންނަވާނެ ފަރާތެއް ކަނޑައަޅުއްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވެއެވެ.ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު ބޯޑާއި އެސްއީޒެޑް މަސަކަތްތައް ކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމަށާއި، މިގަވާއިދުގެ ދަށުން ބޯޑުން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ ފައިސާ ހިމެނުމަށް، ބޯޑުގެ މަޝްވަރާގެމަތިން، ޗެއަރޕާސަން މަސައްކަތްކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.އެސްއީޒެޑް ގާނޫނުގެ ދަށުން ހަދަންޖެހޭ "ބޯޑު އޮފް އިންވެސްޓްމަންޓުގެ ގަވާއިދު" އެކުލަވާލާފައިވާއިރު، އެސްއީޒެޑް ޒޯނެއްގައި ހިންގިދާނެ އިގްތިޞާދީ މަސައްކަތް ތަކާއި، އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ މިންގަނޑުކަނޑައެޅުމާ ބޭހޭގޮތުން ރައީސް އަބްދުﷲ ޔާމީން ވަނީ ގަރާރެއް ނެރުއްވާފައެވެ.އެގަރާރުގައިވާގޮތުން އެސްއީޒެޑަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް މިންގަނޑަކީ، ސަތޭކަ ފަންސާސް މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަނޫން އަދަދެއް.ޚާއްސަ އިގްތިޞާދީ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ޒޯންތައް ތަރައްގީ ކުރުމާއި އެ ޒޯންތަކުގައި އިންވެސްޓް ކުރުމާ ގުޅޭ އުސޫލްތައް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވޮލަޕަރުންނާއި އިންވެސްޓްކުރާ އިންވެސްޓަރުންގެ މުދަލަށް ދެވޭހިމާޔަތް ކަނޑައެޅުމާއި، ޑިވެލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިނާޔަތްތައް އެ ގާނޫނުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.