ޚަބަރު

އިންޓަނެޓް ޕޯޓަލް މެދުވެރިކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ


އިންޓަނެޓް ޕޯޓަލްއެއް މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ފަށައިފިއެވެ.

ބިދޭސީންގެ ދަފްތަރު އެކުލަވާލައި އެފަރާތްތަކުގެ މަޢުލޫމާތު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ބެލޭނެ ގޮތަށް ތައްޔާރުކުރާ މިޕޯޓަލްއިން ކައުންސިލްތަކަށް އެކައުންސިލް ނިސްބަތްވާ ދާއިރާއެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ފެންނަން ހުންނާނެއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ފުލުހުންނާއި ލޯކަލް ގަވަރމަންޓު އޮތޯރިޓީ (އެލްޖީއޭ) އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް މުޅި ރާއްޖޭގެ ބިދޭސީންގެ ދަފްތަރު ފެންނާނެއެވެ.

މި މަސައްކަތް ކުރުމުގެ ތެރެއިން ލޭބަރ ރިލޭޝަން އޮތޯރިޓީން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފައެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވި ޓީމުން ވިދާޅުވީ، އެ މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރަށެއްގައި ބިދޭސީއަކު އުޅޭނަމަ އެބިދޭސީ މީހަކާއި މެދު ޒިންމާވާ ފަރާތް އެނގޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުން ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއެއް ނަމަ އެދަފްތަރުގައި ރަޖިސްޓްރީ ކުރުމުން އެބިދޭސީ މިހާގެ މައްޗަށް ޒިންމާވާނެ ދިވެއްސެއް ހުރިނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުގެ ތެރެއިން އެ ދިވެހި މީހާގެ ނަންމައްޗަށް ފަސޭހައިން ބަދަލުކުރެވިގެންދާނެ ކަމަށެވެ. އަދި މިބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން އިތުރު ފީއެއް އަދި ޖޫރިމަނާއެއް ހުރިނަމަ އެވެސް ދައްކަން ނުޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ތައްޔާރުކުރާ މިޕޯޓަލް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުއެވެ.