ސިޔާސީ

އެޗްއާރްސީއެމްގެ ވަފުދެއް މާލޭ ޖަލަށް ޒިޔާރަތްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުންނާއި އެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެޗްއާރްސީއެމްގެ ވަފުދެއް މާލޭ ޖަލަށް ޒިޔާރަތް ކޮށްފިއެވެ.

މި ބޭފުޅުން ޖަލަށް ޒިޔާރަތްކުރައްވާފައި ވަނީ ބަންދުގައި ތިބޭ މީހުންނާމެދު ޢަމަލުކުރެވޭ ގޮތާއި އެތަނުގައި ލާއިންސާނީ އަނިޔާވެރި ޢަމަލެއް ހިނގާތޯ ބެލުމުގެ އިތުރުން ޤައިދީންނަށް ލިބިދޭންޖެހޭ އެންމެހާ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންވަރު ދެނެގަތުމެވެ.

މީގެ އިތުރުން ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތާއި މަސައްކަތް ކުރުމަށް ދިމާވާ ދަތިތައް ދެނެގަތުމާއި، ޖަލުގެ ޢާންމު ޙާލަތު ދެނެގަތުމަށްފަހު ކަމާގުޅުން ހުރި އިދާރާތަކަށް ކުރިން ހުށަހެޅި ކަންކަމުގެ ތެރެއިން ތަންފީޒުނުވެ ހުރިކަންކަން ބެލުން ހިމެނެއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ ޖަލަށް ޒިޔާރާތް ކުރުމުގެ މައިގަނޑު މަގުޞަދުތަކުގެ ތެރޭގައި އެކޮމިޝަނުން ކަންބޮޑުވާ ގިނަ ކަންކަން ތަންފީޒުނުވެ ގިނަދުވަސްވެފައިވާތީ އެ ކަންކަމަށް އަވަސް ހައްލެއް ހޯދުން ހިމެނެއެވެ.

އެޗްއާރްސީއެމުން ވަނީ މާލޭ ޖަލަށް ކުރެވުނު ޒިޔާރަތަށްފަހު ފާހަގަ ކުރެވުނު ކަންކަން އެ ކޮމިޝަނުން ޢާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ މަތިން ކަމާގުޅޭ އެންމެހާ އިދާރާތަކާއި ޙިއްޞާކުރާނެ ކަމަށް ވިދާޅުވެފައެވެ.