ތަޢުލީމު

ޓީޗަރުން ތަމްރީނުކުރުމަށް އިއުލާންކުރީ ޤަވާއިދާ ހިލާފަށް- އޭސީސީ


މިހާރު ކިޔަވައިދިނުމުގައި ހަރަކާތްތެރިވަމުންދާ  ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފައިވަނީ ގަވައިދާ ހިލާފަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، އެކަމަށް އަލުން އިއުލާން ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން އަންގައިފިއެވެ.މިކަމާ ބެހޭ ގޮތުން އޭސީސީން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީގައި މި ޕްރޮގްރާމާ ބެހޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވެއެވެ.އެގޮތުން ފާހަގަކޮށްފައިވާ މައްސަލަ ތަކުގެ ތެރޭގައި އެ ޕްރޮގްރާމްގެ ޕްރޮޕޯސަލް ހުށަހެޅުމަށާއި ޕްރޮގްރާމް ހިންގުމަށް ތައްޔާރު ކުރަން ޖެހޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރު ކުރުމަށް ތިން ހަފުތާގެ މުއްދަތެއް ދީފައިވާއިރު އެއީ މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ހަތަރު ހަފުތާ އަށް ވުރެ ކުރު މުއްދަތެއް ކަމަށް އޭސީސީން ބުނެފައިވެއެވެ.އޭސީސީން ފާހަގަ ކުރި އިތުރު މައްސަލަތަކުގެ ތެރޭގައި މި ޕްރޮގްރާމް ހިންގަނީ ދައުލަތުގެ ޚަރަދުގައިތޯ ނުވަތަ ޓީޗަރުންގެ އަތުން ނެގޭ ފީއިންތޯ އެނގެން ނެތް އިރު، މީގެ ސަބަބުން ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ޕްރޮގްރާމް ހިންގުމުގެ ފުރުސަތު ކުޑަކަމަށް ވެސް ބުނެފައިވެއެވެ.މިކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު އެމްބީސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެސީސީން ފާހަގަކޮށްފައި ހުރި މައްސަލަތަކަކީ އެއްވެސް ބުރަދަނެއް ހުރި މައްސަލަތަކެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް މިފަދަ  ކަންކަމުގައި ދައުލަތުން ކަނޑައަޅާފައި ހުންނަ އުސޫލަށް ބޯލެނބުމުގެ ގޮތުން އޭސީސީގެ އެންގުމަށް ޢަމަލު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.އޭސީސީން ފާހަގަ ކޮށްފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ ވަރަށް އަވަހަށް ހިންގައި ނިންމަން ބޭނުންވާ ޕްރޮގްރާމެއް ކަމަށާއި، ސަބަބަކީ ޓީޗަރުންނަށް މުސާރައިގެ އާއޮނިގަނޑުވެސް ބިނާ ވެފައިވަނީ ޓީޗަރުންގެ ތަޢުލީމީ ފެންވަރަށް ކަމަށް ވުމުން، ޑިގްރީ ފެންވަރަށް ޓީޗަރުން ވީހާވެސް އަވަހަކަށް ތަމްރީން ކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.މި ޕްރޮގްރާމްއަށް އިއުލާން ކުރުމުގައިވެސް އަމަލުކޮށްފައިވާނީ މިއަމާޒު ހާސިލް ކުރުމަށް ކަމަށާއި، އަދި މިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.