ޚަބަރު

ގަލޮޅު ދަނޑުގެ ސަހަރާއާއި ވީފަޅި ބޭނުން ކުރުން މަނާކޮށްފި


ސަލާމަތީ ސަބަބުތަކަށްޓަކައި ގަލޮޅު ދަނޑުގެ ސަހަރާއާއި ވީފަޅި ބޭނުން ކުރުން މަނާކޮށްފިއެވެ. ދަނޑުގެ ދެކުނު ފަރާތުގައި ހަދާފައިވާ ސިޑި ބަރީގެ އިތުރުން އެތަނުގައި ސިޑިބަރި ދަށުގައި ބައެއް އެސޯސިއޭޝަންތަކުގެ އޮފީސްތައްވެސް ހިންގައެވެ. ޢަދި ކުޅުންތެރިން ބައިތިއްބާ އެކޮމަޑޭޝަން ބްލޮކްތައްވެސް ހުންނަނީ އެ ފަޅީގައެވެ. މި ތަންތަނަކީ 1980 ގެ ފަހުކޮޅު އިމާރާތްކޮށްފައިވާ ތަންތަނެވެ.
ޢެތަންތަނަކީ މިހާރު ބޭނުންކުރަން އެކަށީގެންވާ ތަންތަނަށް ނުވާތީ އެތަންތަން ބޭނުންނުކުރުމަށް ޕްލޭނިން މިނިސްޓްރީން ވަނީ ޔޫތް މިނިސްޓްރީއަށް އަންގާފައެވެ.

އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާރުން މިހާރަށް ސަހަރާއާއި ވީފަޅި ބޭނުން ނުކުރުމަށް އަންގާފައިވާނެކަމަށާއި އެކޮމޮޑޭޝަން ބުލޮކްގައި ހުރި ކޮޓަރިތަކާއި ސިޑި ބަރީގެ ދަށުގައި ހުރި އޮފީސްތަށްވެސް މިހާރު ހުސްކުރަން އަންގާފައިވާކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އެކޮމޮޑޭޝަން ބުލޮކް ހުސްކުރުމުން ކުލަބްތަކަށާއި އެސޯސިއޭޝަންތަކަށް ދިމާވާނެ ދަތިތަށް ވަރަށް ރަގަނޅަށް އެނގޭކަމަށެވެ. ނަމަވެސް މިނިސްޓްރީގެ ވިސްނުމަކީ އެއްވެސް ކުލަބްއަކަށް ނުވަތަ އެސޯސިއޭޝަނަކަށް ދަތިނުވާގޮތަށް ކަންކުރުންކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެކޮމޮޑޭޝަން ބުލޮކްތައް ހުސްކުރާއިރު އެކަމަށް ހައްލެއް ގެންނާނެކަމަށާއި ކުޅިވަރު ކުޅޭ ކުދިން މަގުމަތިވާން ދޫކޮށްނުލާނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"މިމިނިސްޓްރީން އެއްވެސް ބަޔަކަށް ދެރަގޮތެއް ވިޔަކަ ނުދޭނަން. އަޅުގަނޑުމެން އެހެން އޮޕްޝަންތަކެއް ހޯދާނަން. މިނިސްޓްރީގެ އެއް އެކޮމޮޑޭޝަން ކުލަބް ބަންދުކުރުމުން ދެވަނަ ބުލޮކްއަށް ވަރަށް ބާރު ބޮޑުވާނެކަން އެގޭ. އެކަމަށްވެސް އަޅުގަނޑުމެން ހައްލެއް ގެންނާނަން. މިސަރުކާރުން ކުޅުންތެރިން މަގުމަތި ވިޔަކަ ނުދޭނަން. މިނިސްޓްރީގެ ވިސްނުމަކީ ނުވަތަ އަޅުގަނޑުގެ ވިސްނުކަމީ އަޅުގަނޑަށް ނިދަން ނޯވެވޭތާކު ކުޅުންތެރިންނެތް ނުބައިތިއްބާނަން. ކުރިން ފަންކާ ހުރިއްޔާ އަޅުގަނޑުމެން ބުލޮކްގަ އޭސީލާނަން، ކުލަ ނުލާ ހުރިއްޔާ އަޅުގަނޑުމެން ކުލަވެސް ލާނަން. އަދި މަރާމާތު ނުކޮށް ހުރިއްޔާ އަޅުގަނޑުމެން މަރާމާތުވެސްކުރާނަން " މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަހަރާ ފަޅީގައި ހުރި ސިޑިބަރި ބޭނުން ނުކުރުމަށް ޕްލޭނިން މިނިސްޓްރީން އެންގުމަކީ އެންމެ ޒަމާނީ ފެންވަރަށް އެތަން ބަދަލު ކުރުމަށް ލިބުނު ވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ. މިހާރު ފުޓްބޯޅަ ދަނޑަކީ ހަމައެކަނި ކުޅިބަލަން މީހުން ވަންނަ ތަނެއް ނޫންކަމަށާއި އެއީ ވަރަށް ގިނަ ކުޅިވަރާއި ގުޅުންހުރި ހިދުމަތްތަކެއްވެސް ލިބެން ހުންނަ ތަނެއްކަން މިނިސްޓަރ ފާހަަގަކުރެއްވިއެވެ. ސަރަހާއާއި ވީފަޅީގެ ސިޑި ބަރި އަލުން ހެދުމުގައި އެފްއޭއެމްއާއި އޭއެފްސީގެ އެހީވެސް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"ގަބޫލް ކުރަންޖެހޭ މިވަރުގެ ބޮޑު ޕްރޮޖެކްޓްއެއް މިއައީ ކުއްލިއަކަށް. މިއަހަރުގެ ބަޖެޓް ފާސް ކުރެވުނުއިރު މިކަން ކުރިން އަޅުގަނޑުމެންނަކަށް ނޭގޭ. ނަމަވެސް މިކަމަށް ވީހާވެސް އަވަހަކަށް ހައްލެން ގެންނަންޖެހޭ. މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އެފްއޭއެމްއާއި އެކު އޭއެފްސީގެ އެހީއާއެކު އެންމެ ޒަމާނީ ފެންވަރުގެ ސިޑިބަރިއެއް ސަހަރާއާއި ވީފަޅީގައި ހަދަން. ޢެތަނުން ގިނަ ހިދުމަތްތަކެއް ލިބުމަކީވެސް ޔޫތް މިނިސްޓްރީގެ ވަރަށް ބޮޑު ބޭނުމެއް." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

1980ގެ ކުރީކޮޅުގައި ދެ ބުރިއަށް ހެދި ސިޑިބަރިވަނީ މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން މަރާމާތުކޮށްފައެވެ. އަދި އެފްއޭއެމުން ވަނީ ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހަވާނެހެން ގޮނޑިވެސް ވަނީ ޖަހާފައެވެ.