ސިޔާސީ

މިދިޔަ އަހަރުގެ ބަޖެޓުގައި ބާކީހުރި 31 މިލިއަން ރުފިޔާ ކައުންސިލްތަކަށް ދީފި


ދެހާސް އަށާރަވަނަ އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ދިން ފައިސާއިން ޚަރަދު ނުކޮށް ބާކީ ހުރި ފައިސާތައް ކައުންސިލްތަކާއި ޙަވާލުކޮށްފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ސޮއި ކުރައްވާ މިއަދު ނެރުއްވި ސަރކިއުލާއެއްގައި ވިދާޅުވީ ކައުންސިލްތަކަށް 2018ވަނަ އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ޚަރަދުނުވެ ބާކީ ހުރި 31.39 މިލިއަން ރުފިޔާ ކައުންސިލްތަކަށް މިއަދު ޖަމާކޮށްދީފައިވާ ކަމަށެވެ. މިއީ ޚަރަދު ނުކޮށް ބާކީ ހުންނަ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދިން ފުރަތަމަ ފަހަރުވެސްމެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބުނެފައިވަނީ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއެއް އަހަރު ނިމޭއިރު ޚަރަދު ނުކުރެވޭނަމަ، އެފައިސާ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ޖަމާކުރަންވާނެ ކަމަށެވެ. އަދި ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައި ހުރި ތަކެއްޗާއި ހޯދާފައިވާ ޚިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަން އެއްބަސްވެފައިވާ ޚިދުމަތްތަކުގެ އަގަށްވާ ފައިސާ ޖެހިގެން އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދައްކައި ނިންމަންވާނެ ކަމަށްވެސް ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވެއެވެ.

ކައުންސިލްތަކަށް ދީފައިވާ ބަޖެޓުން ބާކީ ހުރި ފައިސާތައް ސަރުކާރުން ޖަމާކޮށްފައިވާއިރު އެ ފައިސާއިން ވޭތުވެދިޔަ އަހަރުގެ ބިލްތައް ދެއްކުމަށް ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި މުދަލާއި ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު، ބާކީވާ އަދަދު އެކައުންސިލެއްގެ އާމްދަނީގެ ގޮތުގައި ހިސާބުކުރުމަށްވެސް ފިނޭންސް މިންޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެކައުންސިލެއްގެ ވަކި "އާމްދަނީ" ބޭންކް އެކައުންޓެއް ހުޅުވާފައިވާނަމަ އެ އެކައުންޓަށް ސަރުކާރުން ޖަމާކޮށްފައިވާ ފައިސާ ޖަމާކުރުމަށްފަހު، އެ މަޢުލޫމާތު ތިން ދުވަހުގެ ތެރޭގައި އީ-މެއިލްގެ ޒަރިއްޔާއިން އެ މިނިސްޓްރީއަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ.