ޚަބަރު

ނަވާރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ސީއެޗްއެސްއީ ހޯދައިފި


އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ ފަހުގެ ޗެމްޕިއަން އަހުމަދީއްޔާ ބަލިކޮށް ސީއެޗްއެސްއީ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ސީއެޗްއެސްއީ ކާމިޔާބުކުރީ އަހުމަދީއްޔާއިން މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާ މެޗުގެ ފަހު ތިން ސެޓު ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު އަހުމަދީއްޔާއިން ގެންދިޔައީ 25،23 އަދި 28،26 އިންނެވެ. ނަމަވެސް މެޗުގެ ތިން ވަނަ ސެޓު ފަސޭހަކަމާއެކު 25،5 ސީއެޗްއެސްއީ ކާމިޔާބުކުރިއެވެ. މެޗުގެ ތިންވަނަ ސެޓު ސީއެޗްއެސްއީން ކާމިޔާބުކުރުމާއެކު މެޗުގެ ވާދަވެރިކަން އިތުރުވެގެންދިޔައެވެ. މެޗުގެ ހަތަރުވަނަ ސެޓުގައި ދިހަ ޕޮއިންޓްގެ ލީޑެއް އަހުމަދީއްޔާއިން ނަގާ މެޗު ކާމިޔާބުކުރުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ.

ނަމަވެސް ސީއެޗްއެސްއީން ވަނީ ހަތަރުވަނަ ސެޓުވެސް ފަހަތުން އާރާ ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޖެހިލާފައެވެ. ހަތަރު ވަނަ ސެޓު ސީއެޗްއެސްއީ ކާމިޔާބުކުރީ 26،24 އިންނެވެ. ފައިނަލް މެޗުގެ ފަސްވަނަ ސެޓު ސީއެޗްއެސްއީން ކާމިޔާބުކުރީ 15،7 އިންނެވެ.

ފައިނަލް މެޗަށްފަހު ސީއެޗްއެސްއީގެ ކޯޗު އަދުނާނު އަބްދުލްރަހީމް ބުނީ، މެޗުގެ ފުރަތަމަ ދެ ސެޓު ގެއްލިގެންދިޔައީ ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުންކަމަށާއި، މެޗުގެ ފަހު ދެ ސެޓުގައި އެކަން ރަނގަޅު ކުރުމުގެ ސަބަބުން މެޗު ކާމިޔާބުކުރަން ފުރުސަތު ލިބިގެންދިޔަކަމަށެވެ. އަދި ވޮލީ ޓީމުގައި ތިބި ފަސް ކުޅުންތެރިންނަކީ މިހާރު ކުރިޔަށްދާ އަށާރަ އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތްވެސް ކުޅެމުން އަންނަ ކުޅެންތެރިންކަމަށް އަދުނާން ބުންޏެވެ.

"ފުރަތަމަ ދެ ސެޓު ގެއްލިގެން ދިޔައީ ކުޅުންތެރިންނަށް ހެދުނު މިސްޓޭކްތަކުގެ ސަބަބުން. މެޗުގެ ފަހު ދެ ސެޓުގައި އެކަންތައް ރަނގަޅުކުރުމުން އަސްލު މެޗު އެނބުރިގެން މިދިޔައީ." އަދުނާން ބުންޏެވެ.

މުބާރާތުގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން އަހުމަދީއްޔާ ސްކޫލްގެ ކޯޗު ޝުއެއިބް އަހުމަދު ބުނީ، އަހުމަދީއްޔާ މި މުބާރާތައް ނުކުތީ ވޮލީއަށް މުޅިން އައު ތިން ކުޅުންތެރިން ގޮވައިގެންކަމަށް. އަދި މެޗުން ބަލިވެގެން ދިޔައީ ރިސީވްތައް ގޯސްވުމުންކަމަށް. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުވެސް ދިޔައީ ވަރަށް ދަށްކޮށްކަމަށް ޝުއެއިބް ބުނި. ނަމަވެސް ޖުމްލަ ގޮތެއްގައި މުބާރާތުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅުކަމަށް ޝުއެއިބް ބުނި.

"އަހުމަދީއްޔާ އަސްލު މިއަހަރު މި މުބާރާތައް ނުކުތީ މުޅިން އައު ތިން ކުޅުންތެރިން ގޮވައިގެން. ގްރޫޕް ސްޓޭޖުގައިވެސް ވަރަށް ދައްކޮށް ދިޔައީ. ޖުމްލަ ގޮތެއްގައި މުޅި މުބާރާތުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅޭ ބުނެވޭނީ". ޝުއެއިބް ބުންޏެވެ.

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ނަވާރަ އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގައި ތިން ސްކޫލަކުން ބައިވެރިއެވެ. އެއީ ސީއެޗްއެސްއީ އަދި އަހުމަދީއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްއެވެ.