ވިޔަފާރި

ދުސިތު ތާނީ ރިސޯޓް 63 މިލިއަން ޑޮލަރަށް ވިއްކާލައިފި


ތައިލެންޑުގެ ކުންފުންޏަކުން ބ. އަތޮޅުގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓް 63 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީ ލިމިޓެޑް، ޑީޓީސީން ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓް ވިއްކާލާފައިވަނީ، އެކުންފުނީގެ ދަށުން ހިނގާ ސަބްސިޑަރީއެއްކަމަށްވާ ދުސިތު ތާނީ ފްރީ ހޯލްޑް އެންޑް ލީސް ހޯލްޑް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ޓްރަސްޓް ކުންފުންޏަށެވެ.

63 މިލިއަން ޑޮލަރަށް ރިސޯޓް ވިއްކާލާފައިވާއިރު، މިއީ ދެ ކުންފުންޏަކަށްވެސް އެކަމުގެ ސަބަބުން ފައިދާތަކެއްވާނެ އިންވެސްޓްމަންޓެއްކަމަށް ޑީޓީސީން ބުނެއެވެ. އެގޮތުން ރިސޯޓް ވިއްކާލި ކުންފުންޏަށް މާލީގޮތުން ފައިދާތަކެއްވާއިރު، ރިސޯޓް ގަތން ކުންފުންޏަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެންދާނެކަމަށް ޑީޓީސީން ބުނެއެވެ.

ބ. އަތޮޅުގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓަކީ 94 ވިލާއެއްގެ މައްޗަށް އެކުލެވޭ ރިސޯޓެކެވެ. މީގެ އިތުރުން ފަސް ރެސްޓޯރަންޓެއް މި ރިސޯޓުގައި ހުންނައިރު، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސްޕާގެ ޚިދުމަތްތައް މިރިސޯޓުން ލިބެންހުރެއެވެ.