ސިޔާސީ

ވަޒީފާއިން ވަކިކުރި އެސްޕީޖީގެ އޮފިސަރަށް ބަދަލާއި އެކު ވަޒީފާ ދިނުމަށް އަމުރުކޮށްފި


މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ހިނގާދިޔަ ކަންތައްތަކުގައި ސިފައިންގެ ވަޒީފާއިން ވަކިކުރި ކޯޕްރަލް އަޙްމަދު ޝާނީޒަށް ވަޒީފާ އަލުން އަނބުރާ ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އަލުން އަނބުރާ ވަޒީފާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު އައިފަހުންނެވެ. ޝާނީޒްގެ މައްސަލަ ހުށަހެޅީ އޭނާ ވަކިކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ލިބިފައިނުވާ މުސާރައާއި އިނާޔަތްތައް ހޯދުމަށެވެ.

ސިވިލް ކޯޓުން މިއަދު އެ ގޮތަށް އަމުރުކުރެއްވިއިރު މި މައްސަލަ ނިމިފައިވަނީ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގެ ތެރެއިންނެވެ. އަދި ޝާނީޒަށް ބަދަލުގެ ގޮތުގައި 189،000 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ޙުކުމް ކުރައްވާފައެވެ. ޝާނީޒަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވިއިރު އެމަނިކުފާނުގެ ބޮޑީގާޑުގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޝާނީޒްގެ އިތުރުން އެކެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން ސިފައިންގެ ވަޒީފާއިން ވަކިކުރި ސްޓާފް ސާޖަންޓް އިބްރާހިމް ސިމާދުގެ ވަޒީފާވެސް ބަދަލާ އެކު އަލުން ދޭން ސިވިލް ކޯޓުން މީގެ ކުރިން ވަނީ ޙުކުމްކޮށްފައެވެ.

އެކެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކުގައި ފުލުހުން ހައްޔަރުކުރީ ޝާނީޒާއި ސިމާދުގެ އިތުރުން އަޙްމަދު ފައްތާޙެވެ.