ޚަބަރު

ރާއްޖޭގެ ސަޤާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި 462 ތަނެއް ހިމަނައިފި


ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި 462 ތަނެއް ހިމަނައިފިއެވެ.

ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައަޅާ، ތަރިކައިގެ ލިސްޓެއް އެކުލަވާލުމުގެ އިތުރުން ހަރުދަނާ އުސޫލަކުން އާސާރު ބެލެހެއްޓުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

އެގޮތުން ރާއްޖޭގެ ސަޤާފީ ތަރިކައިގެ ވަގުތީ ލިސްޓެއް މިހާރު އެކުލަވާލާފައިވާއިރު، މި ލިސްޓު ތައްޔާރުކޮށްފައިވަނީ ރަށު ކައުންސިލްތަކާއި، ތާރީޙު ދިރާސާކުރައްވާ ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުން ލިބިފައިވާ މަޢުލޫމާތު ބޭނުންކޮށްގެންކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއެވެ. އެ މިނިސްޓްރީން އެކުލަވާލާފައިވާ ވަގުތީ ލިސްޓުގައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ އަތޮޅުތައް ހިމެނޭހެން ޖުމްލަ 462 ތަނެއް ވަނީ ހިމަނާފައެވެ. އަދި މި ލިސްޓާއެކު އެތަންތަނާއި ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތައްވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، މި ލިސްޓުގައި ހިމެނޭ ތަރިކައާއިގުޅޭ މަޢުލޫމާތު ކަށަވަރުކުރުމަށްޓަކައި އާންމުންގެ ޚިޔާލު ބޭނުންވާތީ، އެ ފުރުޞަތު އަބަދުވެސް އާއްމުންނަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޚިޔާލު ހުށަހެޅޭނެކަމަށެވެ.

ރާއްޖޭގެ ސަޤާފީ ތަރިކައިގެ ވަގުތީ ލިސްޓެއް ހެރިޓޭޖް މިނިސްޓްރީން އެކުލަވާލާފައިވާއިރު، ރާއްޖޭގެ އާސާރީ ތަންތަނާއި، ތަކެއްޗަށް ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ސަޤާފީ ތަރިކައިގެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ހެރިޓޭޖް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ސަޤާފީ ތަރިކައާ ބެހޭ ޤާނޫނުގެ ދެލި ކޮޕީ އެކުލަވާލައި އާންމުންނަށް ޚިޔާލު ހޯދުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

މި ބިލުގައިވާގޮތުން ރާއްޖޭގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަޙައްދެއް ހަލާކުކޮށް، ގެއްލުންދީ ނުވަތަ ނެތިކޮށްލުމަށް މަސައްކަތް ކުރާ ފަރާތްތައް، އެ ސަޤާފީ ތަރިކައިގެ ފާހަގަކުރެވޭ ސަޤާފީ އަގަށް ބަލާ، އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ. ނުވަތަ 5 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ.