ތަޢުލީމު

ފުރަތަމަ 100 ދުވަހުގެ ހުރިހާ ވަޢުދެއް ހަޔަރ އެޑިއުކޭޝަނުން ފުއްދައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފުއްދުމަށް ކަނޑައަޅާފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިފިއެވެ.

ވަޢުދުތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ، އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ހުރިހާ ވަޢުދެއް ފުރިހަމަކޮށްފައިވާކަމަށެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފުއްދުމަށް ހަމަޖެހިފައިވަނީ 7 ވަޢުދެކެވެ.

މިގޮތުން އެ މިނިސްޓްރީން އެންމެ ފަހުންފުއްދާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް މަތީތަޢުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރުދޭނެ ޤާނޫނެއް ޑްރާފްޓުކޮށް ރައްޔިތުން މަޖިލިހަށް ހުށައެޅުމުގެ ވަޢުދާއި، އެކި ދާއިރާތަކަށް، ތަމްރީން ލިބިފައިތިބި މީހުން ބޭނުންވާ މިންވަރު ދެނެގަތުމުގެ ވަޢުދެވެ.

އެމް.ކިޔު.އޭ ބާރުވެރިކުރުމުގެ ވަޢުދާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ އެމް.ކިޔު.އޭ ބާރުވެރިކުރުމަށް ޤާނޫނެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ސަރުކާރުން ކުރައްޖެހޭ ހުރިހާ މަސައްކަތްތައް ކޮށްނިންމާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ދާއިރާގެ ބިލެއް މިހާރުވެސް މަޖިލީހުގެ ކޮމިޓީއެއްގައި އެބައޮތްކަމަށާއި އެމްކިޔުއޭގެ އިތުރު ބިލެއް މަޖިލީހަށް ހުށަހެޅުމަށް ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް ސަރުކާރުން މިވަގުތުވަނީ އެމް.ކިޔު.އޭ ބާރުވެރިކުރުވުމަށް ވަކިން އާ ބިލެއް ޑްރާފްޓް ކޮށްފައިވާކަމަށެވެ.

"މިވަގުތު މިފަދަ ބިލެއް މަޖިލީހުގެ ކޮމިޓީއެއް ގައި އޮތުމާއި މި ބިލްގައި އެމްކިއުއޭއާ ގުޅޭ މާއްދާއެއް އޮތުމުން މިވަގުތު އަޅުގަނޑުމެންނަށް މަޖިލީހަށް އާ ބިލެއް ހުށައެޅުމަށް ދަތިތަކެއް އެބަހުރި. ނަމަވެސް ސަރުކާރުން މިވަނީ އެމްކިއުއޭ ބާރުވެރިކުރުމަށްޓަކައި ބިލެއް ޑްރާފްޓްކޮށްފަ. ކޮމިޓީ ސްޓޭޖްގައި ފުރުޞަތެއް ލިބިއްޖެނަމަ ޑްރާފްޓްކޮށްފައިވާ މި ބިލްގެ ކަންކަން މިހާރު ކޮމިޓީ ލެވެލްގައި އޮތް ތަޢުލީމީ ދާއިރާގެ ބިލުގައި ވާ އެމްކިއުއޭގެ ބާބަށް އިތުރުކުރުމަށް މަސައްކަތްކުރާނަން" ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާޙިމް ވިދާޅުވިއެވެ.

އެކި ދާއިރާތަކަށް، ތަމްރީން ލިބިފައިތިބި މީހުން ބޭނުންވާ މިންވަރު ދެނެގަތުމަށް އެކުލަވާލި ރިޕޯޓުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމަށް ފަހު އެކުލަވާލި ރިޕޯޓުން އިތުރަށް ތަޢުލީމާއި ތަމްރީން ބޭނުންވާ ދާއިރާތައް ދެނެގަނެވެފައިވާކަމަށެވެ.
އޭގެ ތެރޭގައި ފަތުރުވެރިކަން، ތަޢުލީމީ ދާއިރާ، މަސްވެރިކަން، ކޮންސްޓްރަކްޝަން ދާއިރާ އާއި ދަނޑުވެރިކަން ފަދަ ދާއިރާތައް ހިމެނެއެވެ.

" މި އެނައިލަސިސް ގެ މަޤްސަދަކީ ގައުމަށްބޭނުންވާ މަތީ ތަޢުލީމާއި ޕްރޮގަގްރާމްތަކަކީ ކޮބައިކަން ދެނެގަތުން. މި ރިޕޯރޓް ތައްޔާރު ކޮށްފައިވަނީ މުޅި ރާއްޖެ ތަމްސީލުވާނެހެން ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގެ އެކި ދާއިރާތަކުން، އެކި ލެވެލްތަކުގައި މަސައްކަތްކުރާ 150 އަށް ވުރެން ގިނަ ފަރާތްތާކައި މަޝްވަރާކޮށްގެން" ހަޔަރ އެޑިއުކެޝަން މިނިސްޓަރު ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފުއްދާފައިވާ އިތުރު ވަޢުދުތަކުގެ ތެރޭގައި ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހްތިޔާރު ކުރާ ޔުނިވާސިޓީއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދޭންފެށުމާއި ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލުން ހިމެނެއެވެ.