ޚަބަރު

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަކީ ފެނުގެ ޗެމްޕިއަނުންނަށް ވާންޖެހޭ - އާޒިމް


އެމް.ޑަބްލިއު.އެސް.ސީގެ މުވައްޒަފުންނަކީ ފެން އިސްރާފުކުރުން މަދުކުރުމުގައި ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށާއި، ފެނުގެ ޗެމްޕިއަނުންނަށްވާންޖެހޭކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިއު.އެސް.ސީގައި ކުރިއަށްދިޔަ ޙަރަކާތެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، ރާއްޖޭގައި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ ބޭނުންކުރާ ނިޒާމަކީ މިވަގުތު ދުނިޔޭގައި ބޭނުންކުރާ އެންމެ އަގުބޮޑު ނިޒާމުކަމަށެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުގެ މީރުފެން ފަށަލަށް އެއްކޮށް ތަޣައްޔަރުވުމާއި ގުޅިގެން ޒަރޫރީ ބޭނުންތަކަށް ގިނަ ބަޔަކު ފެން ބޭނުންކުރިނަމަވެސް ފެނުގެ އަގު ގިނަ ބަޔަކަށް ވަޒަން ނުކުރެވޭކަމަށެވެ.

އާޒިމް ވިދާޅުވީ، ފެން ހެޔޮގޮތުގައި ބޭނުންކުރުމަށް އާއްމުންނަށް ބާރުއެޅުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރަމުންދާއިރު، އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނެ ބަޔަކީ އެކުންފުނީގެ މުވައްޒަފުންކަމަށެވެ. އެގޮތުން އެޅޭ ކުޑަކުޑަ ފިޔަވަޅެއްގެ ސަބަބުންވެސް ކެއްކުމާއި، ފެންވެރުން ފަދަ ކަންކަމުގައި ދުވާލެއްގެ މައްޗަށް އިސްރާފުވެގެންދާ ފެން އެތައް ގުނައެއް ކުޑަކުރެވޭނެކަން އާޒިމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ގޭގައި އަމިއްލައަށް ފެންވަރާއިރުވެސް ފެންމާގަނޑު ދޫކޮށްލައިގެން ނުތިބުން ޝޭމްޕޫއާއި ސައިބޯނިލާއިރު. ވަރަށް އާއްމުކަމެއް ފެންމާގަނޑު ދޫކޮށްލައިގެން އަޅުގަނޑުމެންތިބެނީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޖީބަށްވެސް ވަރަށް ބަރުވޭ. ވަރަށް ބައިވަރު ފައިސާ މި އުކާލެވެނީ ފެންމާގަނޑެއްގެ ޒަރިއްޔާއިން. ހަމައެހެންމެ ކައިގެން އަތްދޮންނައިރުވެސް. އެހެންވީމަ މިއީ ޙާއްސަކޮށް އަޅުގަނޑުމެން ވިސްނާލަންޖެހޭކަމެއް" އާޒިމް ވިދާޅުވިއެވެ.

ފެނުގެ ދުވަސް ފާހަގަކުރުމަށް އެމް.ޑަބްލިއު.އެސް.ސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ، ވިހެއުމަށްފަހު މައިންނަށް ދޭ ޗުއްޓީ 6 މަސްދުވަހަށް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމުން އެމް.ޑަބްލިއު.އެސް.ސީންވެސް ތަންފީޒުކުރުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ. އެގޮތުން މިއަދުން ފެށިގެން އެމް.ޑަބްލިއު.އެސް.ސީގެ އަންހެން މުވައްޒަފުންނަށް ވިހެއުމުން 6 މަސް ދުވަސް އަދި ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ 1 މަސް ދުވަހަށް އިތުރުކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމަށް އެމް.ޑަބްލިއު.އެސް.ސީން ކުރިއަށްގެންދިޔަ ހަރަކާތުގައި މުވައްޒަފުންގެ މެދުގައި ޙާއްސަ ކުއިޒެއް ކުރިއަށްގެންގޮސްފައިވާއިރު، މި ކުއިޒުގެ ސުވާލުތައް މައިގަނޑުގޮތެއްގައި ބައްޓަންކޮށްފައިވަނީ ފެނުގެ މުހިއްމުކަމާއި، އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުވައިގެންނެވެ. ފެނުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "އިސްކުރޫފެން" މިނަމުގައި އާއްމުން ހޭލުންތެރިކުރުވުމުގެ ޚާއްސަ ހަރަކާތެއްވެސް އެމް.ޑަބްލިއު.އެސް.ސީން ވަނީ ފަށާފައެވެ.