ސިޔާސީ

ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮއްދެއްވާނަން : ރައީސް


ފޭދޫ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މަސައްކަތް ކޮއްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިހާރު އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫ ސްކޫލުގެ ޓީޗަރުންނާއި މެނޭޖްމެންޓާއި އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލް ޖުމުހޫރިއްޔާ ފޭދޫ ސްކޫލަށް ވަޑައިގަތުމުން އެސްކޫލުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.

ސްކޫލުގެ ޓީޗަރުންނާއި މެނޭޖްމެންޓާއި އެކު ބޭއްވި ބައްދަލުވުމުގައި، ސްކޫލުގެ އެކި މުވައްޒަފުން ވަނީ ސްކޫލުގައި މަސައްކަތް ކުރުމުގައި އަދި ސްކޫލަށް މިވަގުތު ދިމާވެފައި ހުރި ގިނަ ދަތިތަށް ރައީސްއާއި ހިއްސާ ކޮއްފައެވެ. އެގޮތުން ސްކޫލުގައި އެއްދަންފަޅިއަށް ކިޔަވަމުން މިހާރު ދިޔަ ނަމަވެސް އިތުރު ކްލާހެއް ދެން އަހަރަކަށް ފެށޭނެ ޖާގަ ނެތް ކަން ފާހަގަ ކުރިއެވެ. މީގެ އިތުރުންވެސް ސްކޫލަށް މިވަގގުތު ވަސީލަތް މަދު ވުމުގެ ދަތިތަށް ކުރިމަތިވެފައިވާ ކަން ވެސް ވަނީ ފާހަގަ ކޮއްފައެވެ.

ރާއިސް ވިދާޅުވި ގޮތުގައި ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލާއި މަޝްވަރާކޮށް އެކަމަށް ލިބެން އޮތް ހައްލަކީ ކޮބައިތޯ ބައްލަވާނެ ކަމަށެވެ. އަދި ފޭދޫ ސްކޫލުގައި އެއްދަފަޅިއަށް ކިޔަވައިދޭއިރު ސަރުކާރުން ކިޔަވައިދިނުމަށް ބޭނުންވާނެ ވަސީލަތްތަށް ހަމަކުރުމަކީ ކުރަން ޖެހޭ ކަމަށް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އެކަން ސަރުކާރުން ކޮއްދެއްވާނެ ކަމަށެވެ. ރައީސް ވަނީ ފޭދޫ ސްކޫލުގެ މުވައްޒަފުންނަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުން ފިލުވައި އެފަރާތްތަކުގެ ޝަކުވާތަށް އަޑުއައްސަވާފައެވެ.

ރާއިސް ޞާލިޙް އައްޑޫ އަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ އައްޑޫގެ ބައެއް މުއައްސަސަތަކާއި ބައްދަލު ކުރުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.