ޚަބަރު

ނިއުއިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އުުޅުންކަމެއް އެނގިފައެއް ނެތް - ބައްސާމް


26 ޖެނުއަރީގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ވަގުތީ ގޮތުން ސަސްޕެންޑް ކުރިއިރު، ނިއުރޭޑިއެންޓުން ކްލަބްތަކާއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ ނިއުރޭޑިއެންޓް ސަސްޕެންޑް ކުރުމުން، އެއީ ނިއުއިން އެފްއޭގެ މެނޭޖްމަންޓް ބަދަލުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް މަސައްކަތް ކުރަމުން ދާތީވެ އެކަން ހުއްޓުވުމަށް ކުރި ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާތީއެވެ. ތުހުމަތަށް ރައްދު ދެއްވަމުން ބައްސާމް ވިދާޅުވީ، ނިއުރޭޑިއެންޓް ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ދީފައި ނުވާ މައްސަލައާ ގުޅިގެން، އެފްއޭގެ ޕްލޭޔަރސް ކޮމިޓީގެ ލަފަޔާ އެކު ކުޅުންތެރިންގެ ހައްގުތައް ދިފާއު ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އަދި އެފްއޭއެމްގެ މެނޭޖްމަންޓާއި ދެކޮޅަށް ނިއުރޭޑިއެންޓް މަސައްކަތް ކުރާކަން އެނގުނީ ސަސްޕެންޑް ކުރި ފަހުން، މިހާރު ގޭގައި މަޑުކުރަން އަންގާފައިވާ މިނިސްޓަރ އަހުމަދު މަޚުލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެންކަމަށެވެ. މަޚުލޫފްގެ ޓްވީޓްގައި އެފްއޭއިން ނިއު ސަސްޕެންޑް ކުރީ އެފްއޭގެ މެނޭޖްމަންޓް ބަދަލުކުރުމަށް ނިއުއިން އިސްވެ ކްލަބްތަކާއެކު ކުރަމުން ގެންދިޔަ މަސައްކަތާ ގުޅިގެން ކަމަށް ތުހުމަތުކޮށް އެކަންވަނީ ކުށްވެރިކޮށްފައެވެ.

ހޯމަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި ހާޒިރުވެ ތިބި މެމްބަރުންގެ އަގުލަބިއްޔަތުން ނިއުރޭޑިއެންޓްގެ ސަސްޕެންޝަން ކުރިއަށް އޮތް އަހަރަށް ދެމެހެއްޓުމަށް ނިންމުމަށްފަހު ބައްސާމް ވިދާޅުވީ، ނިއުރޭޑިއެންޓް ފަދަ ވަރުގަދަ، ކާމިޔާބު ޓީމަކާއި މެދު ފިޔަވަޅު އެޅުމަކީ އެހެން ކްލަބްތަކަށް ހުރި ފިލާވަޅެއް ކަމަށާއި، އެއްވެސް ކްލަބަކުން ކުޅުންތެރިންނާމެދު އިހުމާލުވެއްޖެ ނަމަ ނިއުއާ މެދު ފިޔަވަޅު އެޅި ފަދައިން އެ ކްލަބަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެފްއޭއެމުން އަބަދުވެސް ކަންތައް ކުރާނީ ހުރިހާ ކްލަބްތަކަށް ވެސް ހަމަހަމައަށް ކަމަށާއި މި ނިންމުމާއެކު ކުރިއަށް އޮތްތާގައި ކްލަބްތަކާމެދު ފިޔަވަޅު އެޅުމުގައި ކްލަބްގެ ތާރީހަށް ނުވަތަ ކާމިޔާބީއަށް ނުބަލާނެ ކަމުގެ ޔަގީންކަން ދެވިއްޖެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.