ސިޔާސީ

މަޖިލިސް އިންތިޚާބުގައި ބޭރުގެ 36 އޮބްޒާވަރުން ހަރަކާތްތެރިވާނެ - އީސީ


އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ބައިނަލްއަޤްވާމީ 36 އޮބްޒާވަރުން ހަރަކާތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން އީސީން ވިދާޅުވީ މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ހަތަރު މޮނީޓަރަކާއި 9 ޖަމްޢިއްޔާއެއް އަދި 4 ޤައުމަކުން ހަރަކާތްތެރިވާނެ ކަމަށާއި އޭގެތެރޭގައި ކޮމަންވެލްތާއި އީޔޫ ހިމެނޭ ކަމަށް އީސީން ވިދާޅުވެއެވެ.

މަޖިލިސް އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި މި މަހުގެ 30 ވަނަ ދުވަހު ކޮމަންވެލްތުގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި އެ ވަފްދުގައި އިސްކޮށް ހުންނަވާނީ ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑެން ކަމަށް ކޮމަންވެލްތުން ވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތުން ވަނީ މީގެ ކުރިން ރާއްޖޭގައި ބޭއްވި ބައެއް އިންތިޚާބުތަށް އޮބްޒާވްކޮށްފައެވެ. އެގޮތުން 2008ގެ ރިޔާސީ އިންތިހާބާއި 2009ގެ މަޖިލިސް އިންތިޚާބާއި 2013ގެ ރިޔާސީ އިންތިޚާބު އަދި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ކޮމަންވެލްތުން ވަނީ އޮބްޒާވްކޮށްފައެވެ.