ޚަބަރު

ވެރިކަމަށް ވަޑައިގަތްފަހުން ރައީސް، ފަސްދޮޅަސް ހާސް "ސެލްފީ" ނަންގަވައިފި


ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާތަނަށް ރައްޔިތުންނާއެކު ފަސްދޮޅަސް ހާހަށްވުރެ ގިނަ "ސެލްފީ" ނަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރެވިފައިވަނީ ރައްޔިތުންނާއި ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައެވެ. ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާތަނަށް ރަށްރަށް ގިނަ ދަތުރުތަކެއް ކުރެވިފައި ނުވާކަމަށާއި، އެހެންނަމަވެސް މިހާތަނަށް ކުރެއްވި ދަތުރުތަކުގައި ރައްޔިތުންނާއެކު ނެންގެވި "ސެލްފީ"ގެ ޢަދަދު ފަސްދޮޅަސް ހާހަށްވުރެ މައްޗަށް އަރާނެކަމަށެވެ.

އަދި ވެރިކަމަށް ވަޑައިގަތުމުގެކުރިން ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ދުއިސައްތަ ހާހަށްވުރެ ގިނަ "ސެލްފީ" ނަންގަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޢަންމުންނާ ބައްދަލުވާ ކޮންމެ ބައްދަލުވުމެއްގައި އެބަ ސެލްފީ ނެގޭ. އަދި ކޮންމެ ބައްދަލުވުމެއްގައި ޢާންމުންވެސް ވަރަށް އެދޭ. އެހެންވީމަ ގާތްގަނޑަކަށް ބަލާއިރުގައި ވެރިކަމަށް އައިފަހުން ނެގިއްޖެ ފަސްދޮޅަސް ހާހަށްވުރެ ގިނަ ސެލްފީ. ކެމްޕެއިން ތެރޭގައި ދެލައްކައަށް ވުރެ ގިނަ ވާނެ އަޅުގަނޑު ކުރިން ދެންނެވިން ދެއްތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ފަރާތްޕުޅުން އެހެނިހެން ސިޔާސީ ލީޑަރުންނާއި އެންމެ ތަފާތުކަމަކަށް ފެންނަކަމަކީ "ސެލްފީ" ނެންގެވުންކަމަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ބުނަމުންގެންދެއެވެ.

ރައީސް ޞާލިޙް ރަށްރަށްކުރައްވާ ދަތުރފުޅުތަކުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށާއި، ސަލާން ކުރައްވަން ދިގު ސަފުތަކުގައި ތިއްބަވާ ޢާންމުންގެ ފަރާތުންނާއި ރައްޔިތުންނާއި ބައްދަލުކުރައްވާ ބައްދަލުވުންތަކުގައި "ސެލްފީ" ނެންގެވުމަށް ގިނަ ބަޔަކު ދަނަނަވައެވެ. އަދި އެއިން އެއްވެސް ހުށައެޅުމަކަށް އެމަނިކުފާނު ދެކޮޅު ހައްދަވާފައިނުވާކަންވެސް ގިނަބަޔަކު ފާހަގަކުރެއެވެ.