ޚަބަރު

އެމްއައިބީން އާންމުންނަށް ހިއްސާ ވިއްކުމަށް ނިންމައިފި


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ހިއްސާ އާންމުންނަށް ވިއްކުމަށް ނިންމާ، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމްއައިބީން ހިއްސާ ވިއްކުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި އެމްއައިބީގެ ހިއްސާ ވިއްކުމާ ގުޅޭ އެއްބަސްވުންތަކުގައި، އެބެންކުގެ ހިއްސާދާރުން ސޮއިކުރެއްވިއެވެ.

މޯލްޑިވްސް އިސްލާމިކް ބެންކަކީ މެލޭޝިޔާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 70 ޕަސެންޓް ހިއްސާ އަދި އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާ އަދި ދިވެހި ސަރުކާރުގެ 25 އިންސައްތަ ހިއްސާ އޮންނަ ބެންކެކެވެ.

ހިއްސާ ވިއްކުމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރުއެވެ. އަދި އައި.ސި.ޑީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އައިމަން އާމިން ސެޖިނީއެވެ. އަމާނާ ތަކާފުލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހާރިސް ރަޙްމާނެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އެމްއައިބީގެ ހިއްސާ ލިސްޓް ކުރާނެކަން އިއުލާން ކުރި ނަމަވެސް، އެ ބޭންކުން ލިސްޓް ކުރާނެ ހިއްސާގެ މިންވަރާއި އޭގެ ތަފްސީލްތައް ފަހުން ހާމަކުރާނެކަމަށް އެމްއައިބީން ބުނެެެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ރާއްޖޭގައި އިސްލާމީ ފައިނޭންސްއާއި އިސްލާމިކް ބޭންކް ކުރިއެރުވުމަށް އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ، އައިސީޑިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މިގޮތުން އައިސީޑީގެ އެހީތެރިކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް އިސްލާމިކް ބޭންކްއިން ތަފާތު އެހީތައް ވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާރު ޤާއިމްކޮށްފައިވާ އެސްއެމްއީ ބޭންކްގެ ތަރައްޤީއަށްވެސް އައިސީޑީން މުހިއްމު ރޯލެއް އަދާކުރެވިދާނެކަމަށެވެ.

އެމްއައިބީން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކުމަށް ނިންމާފައިވާއިރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރުވެސް 9 ކުންފުންޏެއް ލިސްޓުކޮށްފައިވެއެވެ.