ސިޔާސީ

ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދޭނަން - ނާއިބު ރައީސް


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ 48 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ފައިޞަލް ނަޞީމް ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝަންއާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގާތްގުޅުން ރާއްޖެއިން އަބަދުވެސް ބަލައިގަންނަނީ އަޙްވަންތަކަމާއި، ލޯތްބާއެކީގައިކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ބަންގްލަދޭޝްއަކީ އަބަދުވެސް މުހިއްމު ދައުރެއް އަދާކުރާ ޤައުމެއްކަމަށާއި، ވަކިން ޙާއްސަގޮތެއްގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި މީހުން ތަމްރީންކުރުމުގެ ދާއިރާއިން އެ ޤައުމުން ފޯރުކޮށްދެއްވާ އެހީތެރިކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ބަންގްލަދޭޝްގެ މަސައްކަތްތެރިކަން ފާހަގަކުރައްވާ ނާއިބު ރައީސް ފައިޞަލް ވިދާޅުވީ، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ރާއްޖެ މިއަދު މިދެކޭ ތަރައްޤީ ގެނެއުމުގައި އެ ފަރާތްތަކުގެ ދަޢުރު ބޮޑުކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްޤުތައް ކަށަވަރުކޮށްދީ، އެމީހުންނަށްވެސް ލިބެންޖެހޭ ރައްކާތެރިކަން މި ސަރުކާރުން ކަށަވަރުކޮށްދެއްވާނެކަމަށާއި، ހިއުމަން ޓްރިފިކިންގ ނުވަތަ އިންސާނީ ވަގުފާރި ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް އަޚްތަރު ޙަބީބު ވިދާޅުވީ، ކޮންމެ ޤައުމަކުންވެސް މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތަކީ އިބުރަތުން ފުރިގެންވާ އެތައްކަމެއް ކިޔާދޭ ވާހަކަތަކެއްކަމަށެވެ. އެގޮތުން މީގެ 48 އަހަރު ކުރިން ބަންގްލަދޭޝް އޮތް ހާލަތާއި، މިހާރު އެ ޤައުމުން ހޯދަމުންދާ ކުރިއެރުންތަކަކީ އެތަކެއް ފިލާވަޅުތަކެއް ކިޔައިދޭ ކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ބަންގްލަދޭޝާދެމެދު އޮތް ގާތްގުޅުމަށް އިޝާރާތްކުރައްވާ އަޚްތަރު ވިދާޅުވީ، މިގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަކީ އުއްމީދެއްކަމަށެވެ.

ބަންގްލަދޭޝްގެ 48 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދުވަހުގެ މުނާސަބަތުގައި ޙާއްސަ ކޭކެއް ވަނީ ފަޅާފައެވެ. މި ރަސްމިއްޔާތުގައި ނާއިބުރައީސްގެ އިތުރުން، ދަޢުލަތުގެ ބައެއް ވަޒީރުންނާއި، އިސް ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. 164 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 26 މާރިޗު 1971 އެވެ.