ޚަބަރު

އެމެރިކާގައި އަލަށް އުފައްދާ ވައިގެ އުޅަނދުތައް ވަޒަންކުރާ އުސޫލު މުރާޖަޢާކުރަން ނިންމައިފި


އެމެރިކާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން އިސްނަގައިގެން، އެ ޤައުމުގެ ކުންފުނިތަކުން އަލަށް އުފައްދާ މަތިންދާބޯޓުތަކުގެ ސަލާމަތީ ކަންކަން ބަލައިފާސްކޮށް، އެކަމާ ގުޅުންހުރި ސެޓްފިކެޓް ދިނުމުގައި ގެންގުޅޭ އުސޫލުތައް މުރާޖަޢާ ކުރާނެކަމަށް އެމެރިކާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެމެރިކާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިހެން ބުނެފައި މިވަނީ، އެ ޤައުމުގެ ކުންފުންޏެއް ކަމަށްވާ ބޮއިންގުން އުފައްދާ ސެވަން ތްރީ ސެވަން މެކްސް މަރުކާގެ ސަލާމަތީ ކަންކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މި މަރުކާގެ މަތިންދާބޯޓުގެ ރައްކާތެރިކަމާ ގުޅުންހުރި ސުވާލު އުފެދިފައިވަނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ތަފާތު ދެ ޤައުމެއްގައި މި މަރުކާގެ ދެ މަތިންދާބޯޓު ވެއްޓިގެން ހިނގި ދެ ހާދިސާގައި، ޖުމުލަ ތިން ސަތޭކަ ސާޅިސް ހަ މީހުން މަރުވެފައިވަނިކޮށެވެ. މި ހާދިސާތަކަށް ފަހު ދުނިޔޭގެ އެކި ހިސާބުތަކުގައި، މި މަރުކާގެ މަތިންދާބޯޓު އުދުހުންތަކުގައި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

އެމެރިކާގެ ދަތުރުފަތުރާ ބެހޭ ވަޒީރު އެލޭން ޗާއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ކުންފުނިތަކުން އުފައްދާ މަތިންދާބޯޓުގެ ސަލާމަތީ ކަންކަން ބަލައި ފާސްކޮށް، މިކަމުގެ ސެޓްފިކެޓް ދިނުމުގައި އެމެރިކާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ އެފް.އޭ.އޭ އިން ގެންގުޅޭ އުސޫލުތައް މުރާޖަޢާ ކުރުމަށްޓަކައި ޚާއްޞަ ޕެނެލެއް އެކުލަވާލުމަށް ނިންމާފައިވާނެކަމަށެވެ.

އަދި މި ޕެނެލްގައި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ފަންނީ މާހިރުން ހިމެނޭނެ ކަމަށާއި، އެފް.އޭ.އޭގެ އުސޫލުތަކަށް އިސްލާހު ގެންނަންޖެހޭތޯ ނުވަތަ ނޫންތޯ، މި ފަރާތްތަކުން ނިންމާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.