ޚަބަރު

މުލަރގެ ރިޕޯޓު ޢާއްމުކުރަން ކުރާ މަސައްކަތަށް ސެނެޓުގެ މެޖޯރިޓީ ލީޑަރު ހުރަސްއަޅުއްވައިފި


2016 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިތޯ ތަހްޤީޤުކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އައްޔަނުކުރެއްވި ޚާއްޞަ މުޙައްޤިޤު ރޮބަރޓް މުލަރ އެކުލަވާލެއްވި ރިޕޯޓް ޢާއްމ ކުރުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއިން ކުރަމުންދާ މަސައްކަތްތަކަށް، ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓްގައި ރިޕަބްލިކަން ޕާޓީ ތަމްސީލުކުރައްވާ މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ހުރަސް އަޅުއްވައިފިއެވެ.

ހުކުރު ދުވަހު މުލަރގެ ތަހްޤީޤު ނިންމަވާލައްވާ އޭނާ އެކުލަވާލެއްވި ރިޕޯޓް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިރު އެމެރިކާގެ އެޓަރނީ ޖެނެރަލް މިހަފްތާގެ ކުރީކޮޅު ވަނީ މި ރިޕޯޓްގެ ޚުލާސާއެއް ޢާއްމުކުރައްވާފައެވެ.

މި ޚުލާސާގައި އެޓަރނީ ޖެނެރަލް ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ރަޝިޔާ އާއި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނާ އެއްވެސް ގުޅުމެއް ވާކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވަނީ، މުލަރ އެކުލަވާލެއްވި ރިޕޯޓް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޢާއްމުކުރުމަށް ގޮވާލާފައެވެ. މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓުގައި ރިޕަބްލިކަން ޕާޓީ ތަމްސީލުކުރައްވާ މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ވިދާޅުވީ، މުލަރ އެކުލަވާލެއްވި ރިޕޯޓް މުރާޖަޢާކޮށް ދިރާސާކުރުމުގެ ފުރުޞަތު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ދޭންޖެހޭ ކަމަށެވެ. އަދި މިކަމަށްޓަކައި އެ ވުޒާރާއަށް އެކަށިގެންވާ ވަގުތު ބޭނުންވާނެ ކަމަށާއި، މި ރިޕޯޓް ޢާއްމުކޮށްގެން މިކަމުގައި ލިބޭނެ ފައިދާއެއް ނެތްކަމަށް މެކޮނެލް ވިދާޅުވިއެވެ.