ޚަބަރު

ގޯލާންގެ އުސްބިންތަކުގެ މައްސަލައިގައި މެދުއިރުމަތީގެ ފާޑުކިއުން އެމެރިކާއަށް


1967 ވަނަ އަހަރު އިސްރާއީލުން އަތުލައިގަތް ސޫރިޔާގެ ގޯލާންގެ އުސްބިންތައް 1981 ވަނަ އަހަރު އިސްރާއީލުން އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުން އެމެރިކާއިން ރަސްމީކޮށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

މިއާއެކު ސޫރިޔާއިން މިކަމާ ދެކޮޅަށް ހަރުކަށި ރައްދެއް ދީފައިވާއިރު ސައުދީ ޢަރަބިއްޔާއިންވެސް ވަނީ، އެމެރިކާގެ މި ނިންމުން ކުށްވެރިކޮށްފައެވެ. 1967 ވަނަ އަހަރު ކުރި މެދު އިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން ނު ޙައްޤުން އަތުލައިގަތް ސޫރިޔާގެ ގޯލާންގެ އުސްބިންތަކަކީ ރަސްމީކޮށް އިސްރާއީލުގެ ސަރަހައްދެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަންނާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ ކުރެއްވީ، މިދިޔަ ހުކުރުދުވަހު ކުރެއްވި ޓްރީޓެއްގައެވެ.

އެމެރިކާގެ ރައީސްގެ މި އިޢުލާނަށް ބައިނަލްއަޤުވާމީ މުޖުތަމަޢު ކިޔާފައިވަނީ ފިނި މަރުޚަބާއެކެވެ. މެދު އިރުމައްޗާއި ހުޅަނގުގައި އެމެރިކާއަށް ވާގިވެރިވެދޭ ޤައުމުތަކުން ވަނީ މި ކަމަކީ ސަރަހައްދުގައި އިތުރު ނުތަނަވަސްކަމާއި ހަމަނުޖެހުންތަކަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ބުނެފައެވެ.

އެހެންނަމަވެސް، ބައިނަލްއަޤުވާމީ ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެއްވާ ޓްރަމްޕް މިވަނީ، ގޯލާންގެ އުސްބިންތަކަކީ އިސްރާއީލުގެ ސަރަހައްދެއްގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައިގަންނަކަމަށް ބުނާ ޤަރާރެއްގައި ހޯމަދުވަހު ސޮއިކުރައްވާފައެވެ.

ޓްރަމްޕް މި ޤަރާރުގައި ސޮއިކުރައްވާފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރުގައި، ވައިޓްހައުސްގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެމެރިކާގެ ރައީސް ވިދާޅުވީ، އެ ޤައުމުގެ މިނިންމުމަކީ އެތައް އަހަރެއް ވަންދެން އެމެރިކާއިން ނިންމަން ބޭނުންވެފައި އޮތް ނިންމުމެއް ކަމަށާއި، މިއީ އެމެރިކާއިން މާ ކުރިންވެސް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ މި ޢަމަލު ސޫރިޔާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ރައްދުގައި ސޫރިޔާގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ ސޫރިޔާގެ ސިޔާދަތާއި އިސްތިޤުލާލަށް ކުރިމަތިވި ބޮޑު ނުރައްކަލެއް ކަމަށާއި ގޯލާންގެ އުސްބިންތަކަކީ އިސްރާއީލުގެ މިލްކިއްޔާތެއްގެ ގޮތުގައި ބުނުމުގެ ހައްޤު އެމެރިކާއަށްވެސް ލިބިގެން ނުވާނެކަމަށެވެ.

އެމެރިކާގެ މި ނިންމުން ކުށްވެރިކުރުމުގައި ޢަރަބި އެހެން ޤައުމުތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މި ގޮތުން ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގޯލާންގެ އުސްބިންތަކުގެ މިލްކިއްޔާތާ މެދު ގޮތެއް ނިންމުމަކީ އެމެރިކާއަށްވެސް، އިސްރާއީލަށްވެސް ލިބިގެންވާ ބާރެއް ނޫންކަމަށާއި، އިސްރާއީލުން މި ބިންތައް ކިތަންމެ ގިނަ ދުވަހަކު ހިޞާރުކޮށްގެން އުޅުނު ނަމަވެސް، މިކަމަށް ބަދަލު ނާންނާނެކަމަށެވެ.

އަނެއްކޮޅުން، ސައުދީ ޢަރަބިއްޔާއިން ބުނެފައިވަނީ އެމެރިކާގެ މި ނިންމުން އެ ޤައުމުން ކުށްވެރިކުރާ ކަމަށެވެ. އަދި ގޯލާންގެ އުސްބިންތަކަކީ ސޫރިޔާގެ ބިމެއް ކަމަށާއި މި ބިމަކީ އިސްރާއީލުން ހިޞާރުކޮށްފައިވާ ބިމެއް ކަމަށް ސައުދީން ބުނެއެވެ. އަދި ބިމުގެ މިލްކުވެރިކަމާ މެދު ގޮތްތައް ނިންމައިގެން ހަޤީޤަތް އޮޅުވާނުލެވޭނެ ކަމަށްވެސް ސައުދީ ޢަރަބިއްޔާއިން މިވަނީ ބުނެފައެވެ.