ސިއްހަތު

ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑެއް ރައީސް އެކުލަވާލައްވައިފި


ޞިއްޙަތަށް ރަނގަޅުނޫން ބާވަތްތަކާމެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ގޮތުން "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑެއް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވާލައްވައިިފިއެވެ.

މިއީ ދިވެހިރާއްޖޭގެ އެއްމެހާ ފަރުދުންގެ ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ އެކިއެކި މަސައްކަތްތައް ހަރުދަނާގޮތެއްގައި ހިންގުމަށް ބާރުއެޅުމުގެ މަޤްޞަދުގައި އެކުލަވާލެއްވި ބޯޑެއްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މި ބޯޑުގެ ފަރާތުން ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި، މިފަދަ ބަލިތައް ޖެހޭ މިންވަރު މަދު ކުރުމަށް މިފަދަ ބަލިތަކުގެ ހިރާސްތަކަށް ހުށަހެޅޭ އާދަތައް މަދުކުރުމަށްޓަކައި ކުރަންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުމާއި، ދުޅަހެޔޮ އާދަތަކަށް ޒުވާނުންނާއި އާންމު ރައްޔިތުން އަހުލުވެރިކުރުމަށް މީޑިއާއާއި އެހެނިހެން ވަޞީލަތަކުގެ ޒަރީއާއިން ޞިއްޙީ މެސްޖްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލަފަޔާއި އިރުޝާދު ދޭނެއެވެ.

ޢާއްމު ޞިއްޙަތާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމުގައާއި، ޤަވާޢިދުތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތަންފީޒީ އިދާރާތަކާއެކު މަޝްވަރާކުރުމަށް މި ބޯޑުން ވަނީ ނިންމާފައެވެ. ޞިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރު ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ޞިއްޙީ ދާއިރާއިން ފުއްދުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މި ބޯޑުގެ ބައްދަލުވުންތައް ފެށިގެން ޤަވާއިދުން ކުރިއަށް ގެންދެވޭއިރު ބޯޑުގެ ލަފައާއެކު ރަގަޅު މަސައްކަތްތަކެއް ކުރިއަށް ގެންދެވިފައިވާކަމަށެވެ.

އެގޮތުން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަވާ ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުންގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި ކުޅިވަރާއި ކަސްރަތުކުރުމުގެ މުހިންމުކަމުގެ މައުލޫމާތުދީ 200 ސްޕޯރޓްސް ކައުންސިލަރުންނަށް ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްޕޯރޓްސް ކައުންސިލަރުންގެ ރޯލު އަދާކުރުމުގައި ގެންގުޅެން ޖެހޭނެ އުޞޫލުތަކާއި ޝަރުތުތަކާއި ޞިއްޙީކަންކަމަށް އަހުލުވެރި ބަޔަކަށް ވުމާބެހޭގޮތުންވަނީ ތަމްރީނުކުރެވިފައިވާކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހު އައި-ރަނާޒް ގެ ފަރާތުން ހިންގި އިންޓަރނޭޝަނަލް މެރަތަންއާ ގުޅިގެން ބޭއްވި ފިޓްނަސް އެކްސްޕޯ ފޯރަމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދެވުނުކަމަށާއި، މި ފޯރަމްގައި ނަފްސާނީ ދުޅަހެޔޮކަމާށާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވާކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ދުންފަތުގެ ނުރައްކަލާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ޖެހޭ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އާއްމުންނަށް މަޢުލޫމާތު ޙިއްސާކޮށްފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.