ސިއްހަތު

ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލިމީހާގެ ސިއްޙީ ވަނަވަރު ދެން ބަލާލެވޭނެ - ހެލްތު މިނިސްޓަރ


ޤައުމީ ސިއްޙީ ވިއުގައާއިއެކު، ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލިމީހާގެ ސިއްހީ ވަނަރު ފަސޭހަކަމާއިއެކު ބަލާލެވޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޤައުމީ ސިއްޙީ ވިއުގަ އިފްތިތާޙްކޮށްދެއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ނިޒާމު އެއް ވިއުގައަކުން ގުޅާލުމަކީ ދުރު މުސްތަޤްބަލަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ވިއުގަ މެދުވެރިކޮށް ބަލިމީހާގެ ހުރިހާ މަޢުލޫމާތުތައް ރާއްޖޭގައި ސިއްޙީ ފަރުވާދޭ ކޮންމެ ތަނަކުން ވަގުތުން ވަގުތައް ބަލޭނެ ކަމަށެވެ. ހެލްތް މިނިސްޓްރީއާއި، އައިޖީއެމްއެޗާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތަކުންވެސް މި މަޢުލޫމާތުތައް ފަސޭހައިން ބަލާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ވިއުގައިގެދަށުން އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި މިވަނީ ޖެމްސް ޕޯޓަލްއާއި، އާސަންދަ ވިނަވި ޕޯޓަލްއެވެ. ޖެމްސް މެދުވެރިކޮށް، ހޮސްޕިޓަލްގެ ހިންގުމާއި، އިދާރީ މަސައްކަތްތައް ރައްކާކޮށް ބެލެހެއްޓޭނެއެވެ. އަދި އާސަންދަ ވިނަވި ޕޯޓަލް މެދުވެރިކޮށް، ބަލިމީހާ ޑޮކްޓަރަށް ދެއްކުމުގެ ރެކޯޑްތަކާއި، ބޭސްސިޓީގެ މަޢުލުމާތާއި، ތަޙްލީލްތަކުގެ މަޢޫލޫމަތުތައް ރައްކާކުރެވޭނެއެވެ.

"ޑޮކްޓަރު ހުރިހާ މަޢުލޫމަތެއް ލިޔެފައި މިދެނީ ގަނޑުކޮޅެއްގައި. އެ ގަނޑުކޮޅު ގެއްލިޖެއްޔާ ބަލިމީހާގެ ސިއްޙީ ކަންކަމާއިގުޅޭ މާޒީގެ ހުރިހާ މަޢުލޫމަތެއް ގެއްލުނީ. ނަމަވެސް ދެން، ބޭހާއި، އެޕޮއިންޓްމަންޓާއި، ޑޮކްޓަރުދޭ އިރުޝާދުތަކުގެ މަޢުލޫމާތުތައްވެސް އަލުން ބަލާލެވޭނެ." މިނިސްޓަރ އަމީންް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީއިން ވިދާޅުވެފައިވަނީ ކުރިއަށް އޮތްތަނުގައި މި ނިޒާމުގެތެރެއަށް ގިނަ ޕޯޓަލްތައް އެއްކުރާނެކަމަށެވެ. އެގޮތުން މާލެ ނުވަތަ، ރާއްޖޭގެ އެހެން ސަރަޙައްދެއްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ލަފާ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ބަލިމީހާއަށް ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ އާސަންދަ ވިނަވި ޕޯޓަލްގައި ބަލިމީހާއަށް އެޑްމިޓްކޮށްގެން އަދި އެޑްމިޓްނުކޮށް، ހޮސްޕިޓަލުންދޭ ފަރުވާތަކުގެ މަޢުލޫމާތުތައްވެސް ހުންނާނެކަމަށެވެ. އަދި ކުއްލި ފަރުވާ ދޭންޖެހޭ ހާލަތްތަކުގައިވެސް، މި މަޢުލޫމަތުތައް ރައްކާތެރިވެފައި ހުރުމަކީ ބަލިމީހާއަށް ދޭންވި ފަރުވާ ދެނެގަތުމަށް ފަސޭހަވެ، އަވަސް ވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ސިއްޙީ ނިޒާމަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެ. އަދި ސިއްޙީ ނިޒާމަށް ކުރާ ޚަރަދުތައް ބެލެހެއްޓި، ޕޮލިސީތައް ހެދުމަށްވެސް ބޮޑު ފަސޭހައަކަށްވާނެ" އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.

ވިނަވި ޕޯޓަލްއާއި، ޖެމްސް ޕޯޓަލް ސިއްޙީ ޙިދުމަތްދޭ ތަންތަނުގައި ބޭނުންކުރަން ފުރަތަމަ ފަށާފައިމިވަނީ ހއ.ގެ މީހުން ދިރިއުޅޭ 14 ރަށުގައެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ ވަރަށް އަވަހަށް އެހެން އަތޮޅުތަކުގެ ރަށްތަކުގެ ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައްވެސް މި ނިޒާމްގެ ތެރެއަށް ގުޅާލާނެ ކަމަށެވެ. ސިއްޙީ ނިޒާމް އެއްވިއުގައަކުން ގުޅާލުމަކީ ސަރުކާރުގެ ފުރަތަމަ 100ދުވަހު ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެކެވެ.