ޚަބަރު

އައި.އެސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އަދި ނުނިމޭ: ބައިނަލްއަޤުވާމީ އިއްތިހާދު


ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންނާ ދެކޮޅަށް ބައިނަލްއަޤުވާމީ އިއްތިހާދުން ކުރަމުންދާ މަސައްކަތްތައް އަދިވެސް ނިމުމަކަށް އައިސްފައި ނުވާކަމަށް، އެމެރިކާއިން ސޫރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސަފީރު މިހެން ވިދާޅުވެފައި މިވަނީ ސޫރިޔާގައި އައި.އެސްއިން ކޮންޓްރޯލްކުރަމުން ދިޔަ އެންމެ ފަހު ސަރަހައްދުވެސް އެ ޖަމާޢަތުގެ އަތްދަށުން މިނިވަންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގައި ހުންނަވާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމެރިކާއިން ސޫރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖިމް ޖެފަރީ ވިދާޅުވީ، ސޫރިޔާގައި އައި.އެސްއިން ހިޞާރުކޮށްގެން އުޅެމުންދިޔަ ހުރިހާ ސަރަހައްދެއް އެ ޖަމާޢަތުގެ އަތްދަށުން މިނިވަންކުރުމަކީ އެ ޖަމާޢަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ލިބުނު ބޮޑު ކާމިޔާބީއެއްކަމަށެވެ.

އެހެންނަމަވެސް އެ ޖަމާޢަތާ ދެކޮޅަށް ބައިނަލްއަޤުވާމީ އިއްތިހާދުން ކުރަމުން އަންނަ ހަނގުރާމަ ދެމިގެންދާނެ ކަމަށާއި، ސޫރިޔާގައި އެމެރިކާ ސިފައިން އަދިވެސް ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް ޖެފަރީ ވިދާޅުވިއެވެ. ޖެފަރީ ވިދާޅުވީ، އައި.އެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މަޤްޞަދު މިހާރު ބަދަލުވެފައިވާ ކަމަށާއި ބައިނަލްއަޤުވާމީ އިއްތިހާދުގެ މައިގަނޑު މަޤްޞަދަކަށް ދެން ވާނީ އައި.އެސްއަށް އަލުން ސޫރިޔާގައި ވަކިހިއްޕުމުގެ ފުރުޞަތު ނުދިނުންކަމަށެވެ.

އަދި މީގެ އިތުރުން، ހައްޔަރުކޮށްފައިވާ އައި.އެސްގެ ހަނގުރާމަވެރިންގެ ތެރެއިން ބޭރުގެ ޤައުމުތަކަށް ނިސްބަތްވާ ހަނގުރާމަވެރިން އެ މީހުން ނިސްބަތްވާ ޤައުމުތަކަށް އަނބުރާ ގެންދިއުމަށް ބާރުއެޅުމަކީވެސް ބައިނަލްއަޤުވާމީ އިއްތިހާދުން ޢަމަލީ ގޮތުން ކުރަމުންދާނެ ކަމެއްކަމަށް އެމެރިކާގެ ސަފީރު ވިދާޅުވިއެވެ.