ޚަބަރު

ފުުޓުބޯޅަ އެކަޑެމީއާއެކު އަންހެން ވައިޑީޕީ ފަށަނީ


ކުރިއަށް އޮތް ދޮޅު ހަފްތާއެއްހާ ތެރޭގައި އަންހެން ފުޓުބޯޅަ އެކަޑެމީ ލޯންޗް ކުރެވޭނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ބަޖެޓް ފާސް ކުރުމަށް ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން ބައްސާމް ވިދާޅުވީ، ގްރާސްރޫޓް ލެވެލްގައި މިހާރުވެސް މަސައްކަތްތަކެއް ފެށިފައިވާކަމަށާއި މިއަހަރުގެ ތެރޭގައި އަންހެން ފުޓުބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށް ޔޫތް ޑެވެލޮޕްމަންޓް ހަރަކާތްތަކެއް ފެށޭނެކަމަށެވެ.

"މިއަހަރި ވިމެންސްއަށް އެންމެ ބޮޑު ޓާގެޓަކީ ޔޫތް ޑިވެލޮޕްމެންޓް ފެއްޓުން، މިހާރުވެސް ގްރާސްރޫޓް ލެވެލްގައި މަސައްކަތްތަކެއް ފެށިއްޖެ، ކުރިއަށް އޮތް ދޮޅު ހަފްތާތެރޭ ގާރލްސް އެކަޑަމީ އޮފިޝަލީ ލޯންޗް ކުރެވިގެން ދާނެ" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އަންހެން ފުޓުބޯޅަ ލީގެއް ފެށުމަކީ ވަރަށްބޮޑު އަމާޒެއް ކަމަށާއި، ނަމަވެސް ރާއްޖޭގައި އަންހެން ކުޅުންތެރިންގެ އަދަދު މަދުވުމާއެކު ބޮޑު ލީގެއް އުފެއްދުމުގައި ގޮންޖެހުން ތަކެއް އެބަހުރިކަށެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުތެރޭ އެއިޓް އަ ސައިޑް ލީގެއް ފެށުމަށް ފީފާއާއެކު މަޝްވަރާތައް ކުރިއަށް ދާކަމަށެވެ.

އަންހެން ކުޅުންތެރިންނަށް ހާއްސަކޮށް މިއަހަރަށް ވަނީ ޖުމްލަ 3.7 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. އަދި ބަޖެޓްގައި އެކި އުމުރުފުރާގެ އަންހެން ކުޅުންތެރިންނަށް ހާއްސަ ގިނަ މުބާރާތްތަކަކަށް ފައިސާ ކަނޑައެޅިފައިވެއެވެ.
އޭގެތެރޭގައި ކްލަބް ޗެމްޕިއަންޝިޕާއި، ސޮކަރ މޯމްސް ކޮމްޕެޓިޝަން، ކޮލެޖް އަދި ޔުނިވަރސިޓީގެ ފުޓުބޯޅަ މުބާރާތް، އޮފީސްތަކުގެ މެދުގައި ބާއްވާ ފުޓުބޯޅަ މުބާރާތް، އަދި 15 އަހަރުން ދަށާއި 13 އަހަރުން ދަށުގެ އިންޓަސްކޫލް އަންހެން ފުޓުބޯޅަ މުބާރާތާއި، އަންހެން ފުޓްސެލް މުބާރާތުގެ އިތުރުން އައްޑޫ ގްރާސްރޫޓް ފެސްޓިވަލްވެސް ހިމެނެއެވެ.