ޚަބަރު

"ބ.އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މިއަހަރު ހައްލުވާނެ"


ބ.އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މިއަހަރު ހައްލުވާނެކަމަށާ، އެކަން ހައްލުވެގެން ދިއުމުން މިހާރު ނެތް އިތުރު ޚިދުމަތްތައްވެސް ލިބިގެން ދާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތައްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު ވަހީދު ވިދާޅުވީ މިހާރު ނެތް ޚިދުމަތްތައް ކުރިއަށް އޮތްއަހަރުގެ ތެރޭގައި ދޭންފަށް ނިންމާފައިވާކަމަށެވެ. އަދި މިކަން ޙައްލުކުރުމަށް ދިމާވާ އެންމެ ބޮޑުއެއް ގޮންޖެހުމަކީ، ޖާގައިގެ ދަތިކަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ހޮސްޕިޓަލަކީ ގްރޭޑް 2 ގެ ހޮސްޕިޓަލެއް، ގްރޭޑް 2 ގެ ހޮސްޕިޓަލްތަކުގައި ނެތް ޙިދުމަތްތައް ތައާރަފް ކުރުން އެންމެ ބޮޑު އެއްއަމާޒަކީ އެގޮތުން ކަށީގެ ޑޮކްޓަރުންގެ ހިދުމަތާ ޑައިލެލިސް ހިދުމަތުގެ އިތުރުން ޕިޒިއަރތަރަޕީގެ ހިދުމަތްތައް ފޯރުކޮށްދިނުން. މިކަންކަމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހަމަ އިމާރާތުގެ ޖާގައިގެ ދަތިކަން، މިކަން މިއަހަރު ހައްލު ވާނެ ކަމަށް މިބަލަކީ، އޭރުން މިހުރިހާ ހިދުމަތެއް ފޯރުކޮށްދެވޭނެ" އަޙްމަދު ވަހީދު ވިދާޅުވިއެވެ.

ބ.އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ އަތޮޅެއްކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދާފަތުރުވެރިންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާކަމަށެވެ. ގްރޭޑްގެ ގޮތުން 2ވަނަ ދަރަޖައިގެ ހޮސްޕިޓަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމްތަކާއި އިތުރު ވަސީލަތްތައް ޤާއިމްކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމުގައި ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

2019ވަނަ އަހަރުގެ ބަޖެޓްގައި ބ.އަތޮޅު ހޮސްޕިޓަލްތަރައްޤީ ކުރުމަށް 20 މިލިއަން ރުފިޔާ ޕީއެސްއަޕީގެ ދަށުން ވަނީހިމަނާފައެވެ. އެ މަސައްކަތް ކުރިއަށް ދާގޮތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވަހީދު ވިދާޅުވީ، މިކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މި މަސައްކަތް ކުރަމުންދާކަމަށެވެ.

"ވަރަށް ބާރަށް އެބަ އެމަސައްކަތް ކުރިއަށްދޭ، މައުލޫމާތު ލިބޭގޮތައްބަލާއިރު، މިހާރު ކުރިއަށްދަނީ ކުރެހުމާ ބީއޯ ކިއު ތައްޔާރު ކުރުމުގެ މަސައްކަތް. މިހާރު ދިމާވެފައިމިވާ ޖާގައިގެ ދަތިކަން ހަމަ އެއްކޮށް ހައްލުވެގެންދާނެކަމަށް މިބަލަނީ، މީ އަތޮޅު ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުންމީދެއް" ވަހީދު ވިދާޅުވި.

މި ހޮސްޕިޓަލްގައި ޖުމްލަ 102 މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން. މީގެތެރޭގައި 19 ބިދޭސީން ހިމެނޭއިރު 10 މުވައްޒަފުންނަކީ ޑޮކްޓަރުންނެވެ. މި ހޮސްޕިޓަލުން މިހާރު ލިބޭ ޚިދުމަތްތަކަށް ބަލާއިރު، މެޑިކަލް އޮފިސަރުންގެ ހިދުމަތާއި ގައިނިކޮލޮޖިސްޓް، ޑެންޓަލް އެކްސްރޭ ލެބޯޓްރީ އަދި ޕަބްލިކް ހެލްތާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

51ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެހޮސްޕިޓަލުން ވަނީ ނިންމާފައެވެެ. މި ހޮސްޕިޓަލަށް 50 އަހަރު ފުރުނު ރަންޔޫބިލް ހަރަކާތައް މިއަހަރުގެ ސިއްހަތު ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.