ދީން

ނުނިމި ހުރި 6 މިސްކިތެއް ނިންމަން 5 ކުންފުންޏަކާ ހަވާލުކޮށްފި


ޢިމާރާތް ކުރަން ފަށާ ނުނިމި ހުރި، ހަރަށެއްގެ މިސްކިތް ނިންމުމުގެ މަސައްކަތް ފަސް
ކުންފުންޏަކާ ހަވާލުކޮށްފިއެވެ.



އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އަމިއްލަ
ކުންފުނިތަކަކާ ހަވާލުކޮށްފައިވަނީ ގއ. ދާންދޫ، ފ. މަގޫދޫ، ގއ. ކަނޑުހުޅުދޫ، ގއ.މާމެންދޫ،
ހދ. ކުމުންދޫ މ. ކޮޅުފުށީ މިސްކިތެވެ. މީގެތެރޭގައި ހިމެނެނީ ހަތްސަތޭކަ ހަތަރު
މީހުންގެ ޖާގައިގެ ތިން މިސްކިތާއި ފަސްސަތޭކަ ހަތަރު މީހުންގެ ޖާގައިގެ ތިން
މިސްކިތެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް
މިނިސްޓަރ މުހައްމަދު އަލީ ވިދާޅުވިއެވެ.



މިމަސައްކަތަކީ ކުރިން ބަޔަކާއި ހަވާލުކުރުމަށް ފަހު މަސައްކަތް ނިންމާފައި
ނުވާތީ ކޮންޓްރެކްޓް ބާތިލް ކުރުމަށްފަހު، މިނިސްޓްރީން ޑައިރެކްޓް ނެގޯސިއޭޝަން
އުސޫލުން ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވުނު މަސައްކަތް ތަކެއް ކަމަށް
މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްޓްރީ
މުހައްމަދު ދީދީ ވިދާޅުވީ ހަ މިސްކިތުގެ ތެރެއިން ގއ. ދާންދުއާއި ފ.މަގޫދޫ
މިސްކިތުގެ މަސައްކަތް ރޯދަމަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ބާކީހުރި ހަތަރު މިސްކިތުގެ މަސައްކަތް މިއަހަރުގެ ތެރޭ ނިންމާލެވޭނެ ކަމަށް މުޙައްމަދު
ދީދީ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓްރީގެ ފަރާތުން ރޯދަމަހާއި ދިމާކޮށް
ކުރިއަށްގެންދާ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް
ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ



މަސައްކަތް ހުއްޓިފައި ވުމުގެ ސަބަބުން އަލުން ހަވާލުކުރި ހަ މިސްކިތް
ނިންމުމަށް ގާތްގަނޑަކަށް ނަވާވީސް މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވާނެކަމަށް
މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.