ޚަބަރު

ނަރުހުންނާއި ފޫޅުމައިންގެ ގޮތުގައި ގަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ މައްސަލަ ބަލަނީ


ނަރުހުންނާއި ފޫޅުމައިންގެ ގޮތުގައި ޤަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާކަން، ފާހަގަކުރެވިފައިވާކަމަށް މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ހާކަމަކޮށްފިއެވެ.

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ނެރެފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ ފޫޅުމައެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެދަށުން ހަދާފައިވާ ޤަވާޢިދުގައިވާ ގޮތުގެމަތިން އެކައުންސިލްގައި ރަޖިސްޓަރކޮށް ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.

އަދި އެލައިސަންސްގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އެޝަރުތުތަކާ ޚިލާފުވެ މުއްދަތުހަމަވެފައިވާ ފަރާތްތަކުން ލައިސަންސްގެ މުއްދަތު އައު ނުކޮށް މަސައްކަތްކުރުމަކީ ޤާނޫނީ ކުށެއްކަމަށް އެކައުންސިލުން ވިދާޅުވެއެވެ.

ރާއްޖޭގައި ނަރުހުންގެ ގޮތުގައި 1500 އެއްހާ މީހުން މަސައްކަތްކުރަމުންދެއެވެ. ނަރުހުންނާއި ފޫޅުމައިން ރަޖިސްޓަރކުރުމުގައި ގިންތިތަކަކަށް ކަނޑައަޅާފައިވާއިރު މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުންވަނީ ކޮންމެ ދިވެހި ނަރުހަކަށް ދާއިމީ ރަޖިސްޓްރޭޝަން ލިބޭނެ ގޮތްހަމަޖައްސާފައެވެ. އަދި ބޭރު މީނުންނަށް ވަގުތީ ރަޖިސްޓްރޭޝަން ހަމަޖައްސައިދޭއިރު އެފަރާތްތަކުން ކަނޑައެޅިފައިވާ ވަކިނިޒާމެއްގެދަށުން ރަޖިސްޓްރޭޝަން އައުކުރަންޖެހެއެވެ.