ވިޔަފާރި

ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓު ޖޫންމަހު ހުޅުވަނީ


ރެސިޑެންސް މޯލްޑިވްސް އިން ހުވަދު އަތޮޅު އުތުރުބުރީ ދިގުރަށުގައި ތަރައްޤީކޮށްފައިވާ ރިސޯޓު އަންނަ ޖޫންމަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ހުވަދު އަތޮޅުގައި މިހާތަނަށް ތަރައްޤީކޮށްފައިވާ އެންމެ ބޮޑު ރިސޯޓުގެ ގޮތުގައި ދިގުރަށް ރިސޯޓު ފާހަގަކުރެވޭ އިރު، އެ ރިސޯޓު އޮންނަނީ އެރަށާ ކައިރީގައި ރެޒިޑެންސް މޯލްޑިވްސްގެ ފަރާތުން ހުޅުވާފައިވާ ދަ ރެސިޑެންސް މޯލްޑިވްސް އެޓް ފަޅުމާފުށީ ރިސޯޓާއި އެއް ކިލޯމީޓަރުގެ ބްރިޖަކުން ގުޅުވާލާފައެވެ.

ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓުގައި 173 ވިލާ ހުންނަ އިރު ކޮންމެ ވިލާއެއްގައި ޕޫލެއް ހިމެނެއެވެ.

މި ރިސޯޓުގައި ދެން ފާހަގަކޮށްލެވޭ ކަންތައްތަކުގެތެރޭގައި 42 މީޓަރުގެ އިންފިނިޓީ ޕޫލާއި، ޑައިވްސް އަދި ވޯޓަރ ސްޕޯޓްސް ސެންޓަރާއި، ރިސޯޓުގެ ކޮންމެ ރޫމަކަށް ދެ ބައިސްކަލް ކަނޑައަޅާފައިވުން ހިމެނެއެވެ.

ދަ ރެޒިޑެންސް މޯލްޑިވްސް ދިގުރަށަށް މުވައްޒަފުން ހޯދުމަށްޓަކައި މާލެއާއި އައްޑޫ ސިޓީ އަދި ހުވަދު އަތޮޅުގައިވަނީ އޯޕަންޑޭތައް ކުރިއަށްގެންގޮސްފައެވެ.