ޚަބަރު

ފަލަސްތީނުގެ ޙައްޤުތަކުން ކުޑަ މިންވަރެއްވެސް އުނި ނުކުރެވޭނެކަމަށް ޢަރަބި ލީޑަރުން ބުނެފި


ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކުގެ ތެރެއިން ކުޑަމިންވަރެއްވެސް އުނި ނުކުރެވޭނެ ކަމަށާއި، ސުލްހައިގެ އެއްބަސްވުމެއްގެ ތެރެއިން ފަލަސްތީނުގެ ބިންތައް މިނިވަންކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަންޖެހޭ ކަމަށް މިސްރު، އުރުދުން އަދި އިރާޤުގެ އިސްވެރިންގެ ސަމިޓުން ނިންމައިފިއެވެ.

ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި، ޤުދުސަކީ ފަލަސްތީނުގެ ބިމެއްކަމާއި، އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި އެކަށައަޅާ ގޮތަށް، ފަލަސްތީނުގެ މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ގޮވާލާފައިވެއެވެ.

މިސްރުގެ ޤާހިރާގައި ބޭއްވި މިސްރު އުރުދުން އަދި އިރާޤުގެ އިސްވެރިންގެ ސަމިޓްގައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އާއި އުރުދުންގެ އަބްދުﷲ ރަސްގެފާނާއި އިރާޤުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްދުވަހުގެ ސަމިޓްގައި އިސްކަންދީފައިވަނީ ފަލަސްތީނުގެ މައްސަލަ އާއި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށާއި، ޢަރަބި ބައެއް ޤައުމުތަކުގައި އުފެދިފައިވާ ދާޚިލީ ހަނގުރާމަތައް ހުއްޓުވޭނެ ގޮތްތަކާ ބެހޭ މަޝްވަރާތަކަށެވެ.

މީގެ އިތުރުން މި ތިން ޤައުމުގެ މެދުގައި އިޤްތިޞާދީ ޚާއްޞަ ގުޅުންތަކެއް ޤާއިމުކޮށް ވިޔަފާރީގެ މުއާމަލާތްތައް ފުޅާކުރުމަށްވެސް ސަމިޓުން ވަނީ ނިންމާފައެވެ. މި ސަމިޓަށްފަހު މިސްރު، އުރުދުން އަދި އިރާޤު ހިމެނޭގޮތަށް ސަރަހައްދީ ޖަމާޢަތެއް އުފެދިގެންދިޔުން އެކަށީގެންވާކަމަށް މުރާސިލުން ބުނެއެވެ.