ސިޔާސީ

އެއަރޕޯޓް ތަރައްޤީ ކުރުމުގެ މާލީ ކަންކަން ނިމިއްޖެ - އަދީބު


އިބްރާހިމް ނާސިރު
އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ މާލީ ކަންކަން ނިމި މިހާރު
ކުރިއަށްދަނީ ޓެކްނިކަލް މަސައްކަތްތައް ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއަރ
އަޙްމަދު އަދީބް ވިދާޅުވެއްޖެއެވެެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް
ނޫސްވެރިންގެ ބައްދަލްވުމެއްގައި މިނިސްޓަރ އަދީބް ވިދާޅުވީ، އާ ރަންވޭ
ތަރައްގީކުރުމަށް ބޭނުންވާ ފައިސާ އެގްޒިމް ބޭންކުން ހަމަޖެހިފައިވާކަމަށެވެ. އަދި
އާ ޓާމިނަލްގެ މަސައްކަތް ޖަޕާންގެ ތައިސޭ
ކުންފުންޏާ ހަވާލުކޮށްފައިވާއިރު، އެކަމަށް ފައިނޭންސް ކުރާނީ ޖަޕާނުގެ ޖޭޕެކުންނެވެ.
އެފައިސާވެސް މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަދީބް
ވިދާޅުވީ، އާ ރަންވޭ އެޅުމުން، މިހާރު ބޭނުންކުރާ ރަންވޭ ބޭނުންކުރާނީ
ޓެކްސީވޭއަށް ކަމަށެވެ.
ސަރުކާރުން މިހާރުވަނީ އާ ރަންވޭ އެޅުމަށްޓަކައި އެސަރަހައްދުގައިހުރި ތަންތަން
އެހެން ސަރަހައްދުތަަކަށް ބަދަލުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިއެވެ. އެއާޕޯޓް
ތަރައްގީ ކުރުމުގެ މަޝްރޫއަށް އަށްސަތޭކަ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ 12
ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެއާޕޯޓް ތަރައްގީކޮށް
ނިމޭއިރު، އާ ރަންވޭއަކާއި ޒަމާނީ ފެންވަރުގެ ޓެކްސީވޭއެއްގެ އިތުރުން މަތިންދާބޯޓާއި
އެއަރޕޯޓާ ގުޅުވައިދޭ ނުވަ އެއިރޯ ބްރިޖާއި، ހުޅުމާލެ އާއި ހުޅުލެއާ ދެމެދު
ދަތުރުކުރާނެ އާ މަގެއް ގާއިމްކުރާނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. އަދި އަހަރަކު
އެއާޕޯޓުން ޚިދުމަތް ދެވޭ ޖާގަ ތިން ގުނައަށް އިތުރުވެ ހަތް މިލިއަން ފަސިންޖަރުންނަށް
ޚިދުމަތްދެވޭނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.