ސިޔާސީ

މެދު ހެންވޭރު ދާއިރާއަށް ވާދަކުރާ ޢަބްދުﷲ ރަޝީދު އެހެން ކެނޑިޑޭޓަކަށް ތާޢީދުކުރައްވަން ނިންމައިފި


ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެނޑިޑޭޓް ޢަބްދުﷲ ރަޝީދު އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ޙަސަން ޝިޔާމަށް ތާއީދުކުރައްވަން ނިންމަވައި އެކަން އިޢުލާންކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރައްވާފައިވަނީ ޕީއެސްއެމް އިން ގެނެސްދޭ މަޖިލިސް ބަހުގެ ތެރެއިން މިއަދު ހަވީރު ކުރިއަށްދިޔަ މެދު ހެންވޭރު ބަހުސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެހެން ކެނޑިޑޭޓަކަށް ތާޢީދުކުރައްވަން ނިންމެވިނަމަވެސް އޭނާގެ ނަން އަނބުރައި ގެންދިއުމުގެ ފުރުސަތެއް މިހާރު ނެތެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ނަން އަނބުރައި ގެންދެވޭނީ ވޯޓް ކަރުދާސް ޕްރިންޓްކުރުމުގެ ކުރިން އެކަން އިލެކްޝަންސް ކޮމިޝަނަށް އެކަން އެންގުމުންކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައި މެދު ހެންވޭރު ދާއިރާގެ ވޯޓް ކަރުދާހުގައި ޢަބްދުﷲ ރަޝީދުގެ ނަންވެސް އޮންނާނެއެވެ.

މަޖިލިސް އިންތިޚާބުގައި މެދު ހެންވޭރު ދާއިރާއަށް ހަތަރު ކެނޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ މިހާރު އެދާއިރާގެ މެންބަރު ޢަލީ ޢާޒިމް އާއި، ޢަބްދުﷲ ރަޝީދާއި އަޙްމަދު ޒިޔާދާއި ޙަސަން ޝިޔާމެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މިހާރު ވާދަކުރައްވަނީ 386 ކެނޑިޑޭޓުންނެވެ. 3 ކެނޑިޑޭޓަކު ވަނީ ނަންތައް ތަރުތީބުކުރި ފަހުން ނަން އަނބުރާ ގެންގޮސްފައެވެ.