ޚަބަރު

ސްކޫލްތަކުގެ އިތުރު ޙަރަކާތްތައް އަވީގައި ކުރިއަށް ނުގެންދިޔުމަށް އަންގައިފި


ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ކުޅިވަރު ފަރިތަކުރުންތައް މިދުވަސްވަރު އަވީގައި ކުރިއަށްނުގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އަންގަވާފައިވަނީ މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާގުޅިގެން ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. މިގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މެންދުރު 11:30އިން ފެށިގެން މެންދުރުފަހު 3:00އަށް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެކިއެކި ޙަރަކާތްތައް އަވީގައި ކުރިއަށް ނުގެންދިޔުމަށް އަންގާފައެވެ.

ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް ކިޔެވުމެކޭ އެއްގޮތަށް އިތުރު ހަރަކާތްތަކާއި ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދެއެވެ. އަންނަ މެއިމަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ހޫނު ގަދަވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވާގޮތުގައި ކޮންމެ އަހަރަކުވެސް އޭޕްރިލްމަހަކީ އެވަރެޖްކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. މެޓް އޮފީހުން ބުނެފައިވަނީ މިއީ އިރުވައި މޫސުމުގެ ހޫނުކަމަށާއި، ރާއްޖޭގެ އެކި ހިސާބުތަކުން އެއްކުރަމުންއަންނަ މަޢުލޫމާތުތައް ދައްކާގޮތުން، ހުރިހައި ހިސާބުތަކެއްގެވެސް ހޫނުމިން އެވަރެޖްކޮށް އުޅެނީ 32ޑިގްރީއާއި، 33ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.