ޚަބަރު

ދިވެހި ފުޓްބޯޅައިގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް - ޕީޓާ ސެގާޓް



ދިވެހި ފުޓްބޯޅައިގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ގައުމީ ކޯޗު ޕީޓަ ސެގަޓް ބުނެފިއެވެ.

އޭޝިއަން ކަޕް 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ޔޫއޭއީ އަތުން ރޭ 3-0އިން ބަލިވި މެޗަށް ފަހު ކޯޗު ބުނީ މެޗުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ.

މި މެޗުގައި ޔޫއޭއީ މޮޅުވީ ރާއްޖޭގެ ކުޅުންތެރިންގެ ތަޖުރިބާ މަދުވުމުގެ ސަބަބުން ކަމަށް ކޯޗު ބުންޏެވެ. ސަބަބަކީ ރާއްޖޭގައި ޔޫތު ލީގެއް ނެތުމުން ޒުވާން ކުޅުންތެރިންނަށް ވާދަވެރި މެޗުތައް ލިބިފައި ނެތުން ކަމަށް ކޯޗު ބުންޏެވެ.

ކޯޗް ބުނީ މިހާރު އެފްއޭއެމުން އޭނާއާ ހަވާލުކޮށްފައިވަނީ ޒުވާން ކުޅުންތެރިން ތަމްރީނުކޮށް، ޒުވާން ކޯޗުންނަށް ވެސް ފުރުސަތު ދިނުމަށް ކަމަށެވެ. މި ގޮތުން 23 އަހަރުން ދަށުގެ ޓީމު ދައްކާ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި ރަނގަޅު މެޗުތަކެއް ލިބިއްޖެނަމަ ޒުވާން ޓީމުގައި ތިބި ކުޅުންތެރިން ކުރިއަރައި ސީނިއާ ޓީމުގެ ވާދަވެރިކަން ބޮޑުވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.