ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗުގައި މިއަދު ހުޅުވި ސެންޓަރުގެ ދަށުން މުޅި ރާއްޖޭގައި ނަފްސާނީ ބަލިތަކާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗުގައި އަލަށް ހުޅުވި "ސެންޓަރ ފޯރ މެންޓަލް ހެލްތު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ޤާއިމްކުރި "ސެންޓަރ ފޯރ މެންޓަލް ހެލްތު" ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރާއްޖޭގައި ނަފްސަނީ ބައްޔަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް ޤާއިމުކުރި މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ އައިޖީއެމްއެޗުގައި ހުޅުވި ނަފްސާނީ ބައްޔަށް ފަރުވާދޭ ސެންޓަރުގެ ދަށުން މުޅި ރާއްޖޭގައި ނަފްސާނީ ބައްޔާދެކޮޅަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ނަފްސާނީ ބައްޔާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމަކީ މެންޓަލް ހެލްތް ސެންޓަރުގެ އެއް އަމާޒުކަމަށެވެ. އަދި މިނިސްޓަރ ވަނީ ރާއްޖޭގައި ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުނަށް މިބައްޔާމެދު ލަދުވެތިނުވެ ކެރިގެން ފަރުވާއާއި ކުރިމަތިލުމަށް ގޮވާލައްވާފައެވެ.
"މެންޓަލް ހެލްތް ސެންޓަރަކީ މެންޓަލް ހެލްތް ޕްރޮގްރާމްގެ ބެލެނިވެރިކަމުގެ ދަށުން ޤާއިމުކުރެވޭ އިންތިޒާމީ ބޭސްފަރުވާގެ ނިޒާމެއް. މިނިޒާމުގެ ޒަރިއްޔާއިން ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އަތޮޅުތެރޭގައި ފުޅާކުރުމަށްވަނީ ހަމަޖެހިފައި. އަދި ނަފްސާނީ ބަލިމީހުނަށް ބޭނުންވާ ޚިދުމަތްތައް ހަރުދަނާގޮތެއްގައި ޤާއިމުކުރެވި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްފެށޭނެ. އަދި ހަމައެހެންމެ ބަލިމީހުނަށް ފަރުވާދިނުމުގައި މުޖުތަމަޢާއި ޢާއިލާގެ ބައިވެރިވުން އިތުރުކުރުމަށް ރަށްރަށުގައި އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ދިނުން ހިމެނޭ." ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
"ސެންޓަރ ފޯރ މެންޓަލް ހެލްތު"ގެ ދަށުން ޖަޒީރާ މެންޓަލް ހެލްތުގެ ޕައިލެޓް ޕްރޮގްރާމެއް މިއަހަރުގެ ތެރޭގައި ރާއްޖޭގެ ދެކުނުގައި ފެށުމަށްވެސްވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ނަފްސާނީ ބަލި އިތުރުވަމުންދާއިރު ފާއިތުވި ހަމަސްދުވަހު ނަފްސާނީ ބައްޔަށް 2500 އަށްވުރެ ގިނަ މީހުން އައިޖީއެމް ހޮސްޕިޓަލުންވަނީ ފަރުވާ ހޯދާފައެވެ. އައިޖީއެމްއެޗްގައި ޤާއިމުކުރި މެންޓަލް ހެލްތުގެ ސެންޓަރުން ނަފްސާނީ ބަލި ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭސްދީގެން ބައްޔަށް ފަރުވާދިނުމާއި އެޑްމިޓްކޮށްގެން ފަރުވާކުރުމުގެ ޚިދުމަތްދޭނެކަމަށް އައިޖީއެމް ހޮސޕިޓަލުން ވިދާޅުވެއެވެ. މީގެ އިތުރުން ނަފްސާނީ ބައްޔާމެދު މުޖުތަމަޢުދެކޭގޮތް ބަދަލުކުރުމަކީވެސް މި ސެންޓަރުގެ އަމާޒެއް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންމަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.