ވިޔަފާރި

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަށް ކިޔާނެ ނަމެއް ހުށަހެޅުމަށް ހުޅުވާލައިފި


އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަށް ކިޔާނެ ނަމެއް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރެޖިސްޓްރަރ އޮފް ކޮންޕެނީޒް މަރްޔަމް ވިސާމް ވިދާޅުވީ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިހާރު ބާއްވަމުން އަންނަ "އެކްސްޕޯ މޯލްޑިވްސް"ގެ ނަން ބަދަލުކުރަން ނިންމީ އުފެއްދުންތެރިކަމާ ގުޅުންހުރި ދިވެހިވަންތަ ޒަމާނީ ނަމެއް ކިޔުމަށްކަމަށެވެ. އެގޮތުން ނަން ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަށް ކިޔާނެ ދިވެހި ނަމެއް ހުށަހެޅުމަށް ވަކި މުއްދަތެއް ނެތްކަމަށާއި ނަމަވެސް އެފުރުޞަތު ބަންދުކުރުމުގެ ކުރިން އަންގާނޭކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އަންނަނީ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަކީ ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ދައްކާލަން ސަރުކާރުން ބާއްވާ ހަރަކާތެކެވެ. މައުރަޒުގައި ކޮންމެ އަހަރަކުވެސް މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުތައް ހިމެނޭގޮތުން އެކި ފަންތީގެ ވިޔަފާރިތަކާއި، އުފެއްދުންތެރިން ބައިވެރިވެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އެފަދަ ކުދިންގެ މަސައްކަތްތައްވެސް މި މައުރަޒުތަކުން ފެނެއެވެ. އެންމެ ފަހުން މި މައުރަޒު ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ.